ފިލިޕީންސްއަށް ކުރިމަތިވެފައިވާ ބާރުގަދަ ތޫފާން ފެންފޯންގައި މަރުވި މީހުންގެ އަދަދު 28 އަށް އަރައިފިއެވެ.

ތޫފާނުގައި ގަޑިއަކު 190 ކިލޯމީޓަރު ބާރު ބިނުމުގައި ވައިޖެހި، މީހުން ދިރިއުޅޭ ގެތައް ސުންނާފަތި ވެ، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އަޅާފައިވާ ނަރުތައްވެސް ހަލާކުވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އަދި ތޫފާނުގެ އަސަރު ކުރި ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ތޫފާނާ ގުޅިގެން އެކި ހާދިސާތަކާއެކު ވީނުވީ އެއް ނޭނގި ގިނަ ބަޔަކު ގެއްލިފައި ވާކަމަށާ، އަދި އެތައް ހާސް ބަޔަކު ދާނި ވަކި ތަނެއް ނެތި އެކި ހިސާބުތަކުގައި ތާށިވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މި ތޫފާން މިހާރު މިސްރާބު ޖަހާފައިވަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށެވެ.