2019 ވަނަ އަހަރުގެ އެންމެ އިރުކޭތައިގެ ގޮތުގައި 'ރިންގް އޮފް ފަޔާ'ގެ ނަމުން ވަނަން ދީފައިވާ އިރު ކޭތަ ބަލާލުމަށް، އޭޝިއާ ބައްރުގެ އެކި ހިސާބުތަކުން ގިނަ ބަޔަކު އެކި ތަންތަނަށް ޖަމާވެއްޖެއެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ އިސްވެރިންވެސް ވަނީ މިއަދު ކޭތަ ބައްލަވާލައްވާފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ ވިލާ ބޯވުމުގެ ސަބަބުން ހަމަ ލޮލަށް ކޭތަ ބަލާލުމުގެ ފުރުސަތު ލިބިވަޑައި ނުގެންނެވި ކަމަށާ، ނަމަވެސް ލައިވް ފީޑް މެދުވެރިކޮށް ކޭތަ ފެނިވަޑައިގެންނެވިކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ފަލަކީ އިލްމަށް ކުޅަދާނަ މައުމޫން ޢަބްދުލް ގައްޔޫމްވެސް ވަނީ މިއަދުގެ ކޭތައިގެ މަންޒަރުތަކެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައްވާފައެވެ.
އިންޑޮނޭޝިއާ ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީލަންކާގެ އިތުރުން ސައުދީ އަރަބިއްޔާއަށްވެސް ފެންނަ މި އިރުކޭތަ އަކީ، ދުނިޔެއާއި އިރާއި ދެމެދަށް ހަނދު ވަދެ، އިރުގެ މެދުން ބައެއް ހިޔަންޏަކަށްވެ، އޭގެ ވަށައިގެން އަލިފާން ބޮޅެއް ފެންނަ ގޮތަށް ސިފަވެގެންދާ ކޭތައެކެވެ.
ދުނިޔެއާއި އިރު ހަނދުގެ ދައުރުވުން ހިނގަމުންދާ ގޮތަށް ބަލާއިރު އަހަރަކު 2 ފަހަރުހެން އާންމުކޮށް އިރުކޭތަ ހިފައެވެ. މި ގޮތަށް އިރުކޭތަ ހިފަނީ ހަނދުން އެޅޭ ހިޔަންޏާ ސީދާ ދުނިޔެ ދިމާވާ ހިސާބުންނެވެ.
މީގެ ކުރިން މިއަހަރު އިރުކޭތަ ހިފާފައިވަނީ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ. އެފަހަރު ކޭތަ ފެނިފައިވަނީ ދެކުނު އެމެރިކާގެ ސަރަހައްދަށެވެ. ދެން އިރުކޭތައެއް ހިފާނެ ކަމަށް ލަފާކުރެވެނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެ ކޭތަ ފެންނާނެ ކަމަށް ލަފާކުރާ ގައުމުތަކުގެ ތެރޭގައި ދެކުނު ޗިލީ، އާޖެންޓީނާ، ހުޅަނގު ދެކުނު އެފްރިކާ އަދި އެންޓާޓިކާ ހިމެނެއެވެ.
މިއަދުގެ އިރުކޭތައަކީ މުޅި އިރު ނިވާ ވާގޮތަށް ހިފާ ކޭތައެއް ނޫންކަމުން، ކޭތަ ބަލަން ޝައުގުވެރިވާ ފަރާތްތަކުން، އެކަމަށް ހާއްސަ އާލާތްތައް ބޭނުންކޮށްގެން ނޫނީ ކޭތަ ބަލައިގެން ނުވާނެއެވެ. ނޫންނަމަ ލޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ބޮޑު ފުރުސަތެއް އޮވެއެވެ.
ގެރިމޯދީ ކޯޗެއް ބަލާ ކަށް..