ދިރާގު ޓީވީއިން "އައި ފިލްމްސް" ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި "ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް "ޕޭ ޕާ ވިއު" ފިލުމެއްގެ ގޮތުގައި ތައާރަފު ކޮށްފިއެވެ.

ބަވަތި އަކީ ބިރުވެރި، ރޮމޭންސް އަދި ކޮމެޑީގެ ބައިތަކެއް އެކުލެވިގެންވާ ޒުވާން ދެމަފިރިއަކަށް ދިމާވާ އާދަޔާ ހިލާފު ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ފިލްމެކެވެ. މި އަހަރު ސެޕްޓެމްބަރ މަހުގެ ތެރޭގައި މި ފިލްމު ވަނީ ސިނެމާތަކުގައި އަޅުވައި އާނމުންގެ މަގުބޫލުކަން ހޯދާފައެވެ. މި ފިލްމު ދިރާގު ޓީވީ އިން ފެނިގެން ދާނީ އިނގެރޭސި ސަބްޓައިޓަލް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތާ ވެސް އެކު އެވެ.

"އައި ފިލްމްސް" އަކީ 2018 ވަނަ އަހަރު އިލްޔާސް ވަހީދު އުފެއްދި ފިލްމު ކުންފުންޔެކެވެ. "ބަވަތި" އަކީ އެ ކުންފުނީގެ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި މުޅިންވެސް ފެނިގެން ގޮސްފައިވަނީ އާ މޫނުތަކެކެވެ. ދިރާގުން މަސައްކަތްކުރަމުން ދަނީ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކުރުމަށް ވީހާވެސް ގިނަ ދިވެހި ކޮންޓެންޓްތައް ފަސޭހަ ކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.

ވީއޯޑީ އޮން ޑިމާންޑް އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ. ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައި ވަނީ ކަސްޓަމަރުންނަށް ބޭނުން ކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ " އޮން ޑިމާންޑް" ޖަހާފައިވާ ފިތުން އޮން ޑިމާންޑް ކޮންޓެންޓްތައް ބަލައިލެވޭނެއެވެ.

ބަވަތި ބަލާލަން ބޭނުން ވާ ފަރާތްތަކަށް ކޮންމެ 24 ގަޑީރަކަށް 35ރފ. ގެރޭޓުން ރެންޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

ކުރިއަށް އޮތް ތާންގައި ވެސް ދިރާގު ޓީވީން ދިވެހި ފިލްމީ އުފެއްދުންތައް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮން ޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތަކަށް މަގު ފަހިކޮށްދޭނެއެވެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމެވެ.

ދިރާގުން މަސައްކަތް ކުރަނީ ދިރާގު ޓީވީން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފޯރުކޮށްދިނުމަށެވެ. ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީއަށް ދެ އަހަރު ދުވަސްވެފައިވާއިރު، މި ހިދުމަތް ރާއްޖޭގެ 72 ޕަސެންޓަށް މިހާރު ވަނީ ފޯރުކޮށްދީފައެވެ.