ފުރިހަމަ ނުވެ އޮތް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގް ހިންގޭނެ ގޮތެއް ބުނެދިނުމަށް އެދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދަށް ގޮވާލައްވައިފިއެވެ.

ސަހީމް މިގޮތަށް ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޫދު ވިދާޅުވި ވާހަަކައަކާއި ގުޅިގެނެވެ. އެގޮތުން ހޫދު ވިދާޅުވީ މަރުކޮމިޝަންގެ ރިޕޯޓެއް ނުނެރޭ ކަަމަށާއި ފައިނަލް ވެފައިވަނީ އެންމެ މަރަކާއި ގުޅޭ ގޮތުގެ ރިޕޯޓެއް ކަމަށެވެ. އަދި ބޮޑެތި މަރުތަކުގެ ރިޕޯޓް ފައިނަލް ނުވާ ކަމަށާއި ހުށަހެޅިފައި ވަނީ ހަމައެކަނި ޑްރާފްޓް ކަމަށްވެސް ހޫދު ވިދާޅުވިއެވެ.

"ރިޕޯޓް ފައިނަލް ކޮށް ހުށަހެޅުނީމަ ދެން އެއާމެދު އަމަލު ކުރަން ގޮތެއް ނިންމާނީ". ހޫދު ވިދާޅުވިއެވެ.

އެއަށް ރައްދު ދެއްވައި ޝަހީމް ވިދާޅުވީ ތުހުމަތެއްގައި ޖިނާއި ތަހުގީގެއްވެސް ނުހިންގައި، ފުރިހަމަ ނުވެ އޮތް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގް ހިންގޭނެ ގޮތް ބުނެދިނުމަށެވެ. މިއީ ޖާހިލިއްޔަ ޒަމާން ނޫން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"ހޫދު، މަނިކުފާނު ވިދާޅުވެބައްލަވާ، ތުހުމަތެއްގައި ޖިނާއީ ތަހުގީގްވެސް ނުހިންގައި އަދި ފުރިހަމަވެސް ނުވެ އޮތް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް އާދަމްގެ ދަރީންގެ މައްޗަށް ދައުވާ ކުރަން ފޮނުވިދާނެ ގޮތެއް، މިއީ ޖާހިލިއްޔަ ޒަމާނެއް ނޫން އިނގޭތޯ؟" ޝަހީމް ވިދާޅުވިއެވެ.

ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން، ޝަހީމް މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ވަނީ ފޮނުވާފައެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޝަނުން، ޑރ. ޝަހީމްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި އެ ކޮމިޝަނުން ހިންގި ތަހުގީގުގައި ދޮގު މައުލޫމާތު ދެއްވާފައި ވާ ކަމަށް ބުނެއެވެ.