ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދުމަށް މަޝްރޫއެއް އަންނަ އަހަރު މެދެއްހާ ހިސާބުގައި އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޫދު ވިދާޅުވީ، ވަރަށް އަވަހަށް މާލެ ސަރަހައްދުގައި ހައުސިންގެ މަޝްރޫއެއް އިއުލާން ކުރާނެ ކަމަށާއި އެކަމުގެ މަސައްކަތް މިހާރު ވެސް ކުރަމުން ގެންދާ ކަމަށެވެ. މި މަޝްރޫއާ ބެހޭ އިތުރު ތަފްސީލެއް ހޫދު ދެއްވާފައެއް ނުވެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއެއް އަންނަ އަހަރު އިއުލާން ކުރުމަށް ނިންމާފައި ވާއިރު، މީގެ ކުރިން ސޯޝަލް ހައުސިންގެ ގޮތުގައި މާލެ ސަރަހައްދުގައި 4،200 ހައުސިން ޔުނިޓް، އަތޮޅުތަކުގައި 5،000 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަޝްރޫއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާން ކުރައްވާފައެވެ. ނަމަވެސް، މި މަޝްރޫއު ފެށުމަށް ދީފައިވާ މުއްދަތު ފާއިތުވެ ދިޔައިރުވެސް މަޝްރޫއު ނުފެށެއެވެ. އަދި އަންނަ އަހަރު 20000 ހައުސިން ޔުނިޓު އަޅާނެކަމަށްވެސް ސަރުކާރުން އިއުލާނުކޮށްފައި ވެއެވެ.
އަންނަ އަހަރު އިއުލާނު ކުރަން ހޫދު އެވިދާޅުވަނީ ފްލެޓާ ގުޅޭ ކޮން މަޝްރޫއެއް ކަމެއް ނޭނގެއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެނގިފައިވާ ގޮތުގައި އަންނަ އަހަރު މަސައްކަތް ފެށުމަށް ބުނާ 20000 ހައުސިން ޔުނިޓުގެ ފްރޭމްވޯކް އެގްރީމަންޓުގައި މިހާރުވެސް ވަނީ ސޮއިކޮށް ނިންމާފައެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުން ފްލެޓް ދިނުމުގައި ހިންގާފައިވާ ބޮޑެތި ގޯސްތައް ބަލައި، އިންސާފުވެރިކަމާ އެކު އެކަން ކުރަން ރައީސް ސޯލިހް ވަނީ، ހާއްސަ ކޮމިޓީއެއް އުފައްދަވައިފައެވެ. އެ ކޮމެޓީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ހޫދު ވިދާޅުވީ ވަކިވަކި ގޭބިސީތަކަށް ގޮސް އާންމުންގެ ހާލަތު މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ދެ ކެޓަގަރީއެއް ފިޔަވާ އެހެން ކެޓަރަގީތަކުން 80 ޕަސެންޓް ސާވޭ މިހާރު ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހޫދު ވިދާޅުވީ ކޮމިޓީ މަސައްކަތް ލަސްވެފައިވަނީ ޗުއްޓީ އަށްވެފައި އުމްރާ ސީޒަނަށް ވުމުން ކަމަށެވެ. ގިނަ ފަރާތްތަކުން ޗުއްޓީއަށާއި، އުމްރާއަށް ގޮސްފައިވާތީ އެ ފަރާތްތަކާ ސާވޭ ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހޫދު ވިދާޅުވީ، އަންނަ އަހަރު ކުރީކޮޅު އެ ސާވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމުގެ ވައުދާ އެކީ ސަރުކާރަށް 1 އަހަރު ވި އިރު އަދި ހައްލެއް ނުފެނެއެވެ.