ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒްގެ ނަޒާހަތްތެރި ކަމާ މެދު އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްވެސް ސުވާލު އުފައްދަވައިފިއެވެ.

ހަސަން ލަތީފް، ފާއިޒްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދަވާފައި ވަނީ ސުލޫކީ މައްސަލަތަކެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީން) ނިންމިކަން ހާމަ ކުރުމުންނެވެ.

ޓްވީޓެއް ކުރައްވާ ހަސަން ލަތީފް ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ 'ގާނޫނު އަސާސީއަށް ބަލަން ނުޖެހޭނެ ކަމަށާއި ބަލަން ޖެހޭނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ގައިޑްލައިނަށް' ކަމަށް ފާއިޒް ވިދާޅުވެފައި ވާ ކަމަށެވެ.

2013 ގެ އިންތިހާބައި ގުޅެގޮތުން ގާނޫނުއަސާސީއަށް ބަލާނެ ކަމެއް ނެތް ކަމަށާއި، ބަލަން ޖެހޭނީ ސުޕްރީމް ކޯޓުގެ ގައިޑް ލައިނަށް ކަމަށް ފާއިޒް ވިދާޅުވެފައި ވޭ. ފާއިޒް މިހެން ވިދާޅުވެ އިލެކްޝަން ކޮމިޝަން(އީސީ)ގެ މެންބަރުންނަށް އެންގި ކަމަށް އޭރުގެ އީސީ މެންބަރެއް މަޖިލިސްގެ ޖުޑީޝަރީ ކޮމެޓީގެ އިންޓަވިއުއެއްގައި ބުނެފައި ވޭ
އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ހަމަޖެއްސުމަށް ރައީސް ނަން ފޮނުއްވި، ފާއިޒާ މެދު ހުށަހެޅިފައިވާ ޝަކުވާތަކެއް ބަލަން ނިންމައިފައި ވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީން) ހާމަ ކޮށްފައި ވަނީ އިއްޔެއެވެ.

ފާއިޒު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ދުވަސްވަރު ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ނިންމާފައި ހުރި ނިންމުންތަކުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރު ޖޭއެސްސީން ބަލަން ނިންމާފައިވާ ކަމަށް އިއްޔެ ހާމަކޮށްފައި ވެއެވެ.

ޖޭއެސްސީއަށް ހުށަހަޅަފައިވާ ފާއިޒާ ގުޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި، ޖޭއެސްސީގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ނެގި މައްސަލަ އާއި ޖުޑިޝަލް ކައުންސިލް އުފެއްދި މައްސަލައިގެ އިތުރުން ގަނޫނާ ހިލާފަށް އިހްތިސޯސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ ތެރެއަށް ވަދެ ނިންމާފައި ވާ ނިންމުން ތަކުގައި ފާއިޒު ބައިވެރިވެވަޑައިގެންފައި ވޭތޯ ބެލުން ހިމެނެއެވެ. އަދި އިތުރު އެހެން ބައެއް މައްސަލަތަކުގައި އެ މައްސަލަތަށް ނިންމި ފަނޑިޔާރު، ފަނޑިޔާރު ކަމުން ވަކިކޮށްފައި ވާތީ އެ ނިންމުން ތަކުގައި ފާއިޒް ބައިވެރިވެވަޑައިގެންފައި ވޭތޯ ބެލުން ހިމެނޭ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.