ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން މިނިވަން ކުރަން ކުރަމުންގެންދާ މަސައްކަތައް އެެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ އިދިކޮޅުގެ ސަފުތައް ބައިބައި ކޮށްލަން މީޑިއާ އާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިން ޖަލްސާތަކާއި، އެއްވުންތައް ބާއްވާގޮތަށް މިހާރު އިދިކޮޅުން ނުބާއްވާކަމަށް ބުނެ، މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތަކާ ދޭތެރޭގައި ހުރިހާ ރައްޔިތުން ފާރަވެރިވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ހަރަކާތްތަށް ބަރާބަރަށް ކުރިޔަށް ގެންދާ ކަމަށާއި، އެކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ވިދާޅުވީ ޔާމީން މިނިވަން ކުރަން ފެއްޓެވި މަސައްކަތަށް ހީނަރުކަން ނާންނަ ކަމަށެވެ. އެ މަސައްކަތް ވަރަށް ފޯރި އާއި ޖޯޝުގައި ހިނގަމުންދާ ކަމަށެވެ.

"އެބޭފުޅުންނަށް ފެނިވަޑައިގަންނަވަނީ ހަމައެކަނި 9 އިން ރޭގަނޑު 10:30 އަށް މިތަނުގައި ބާއްވާ ޖަލްސާ. އަޅުގަނޑުމެންގެ ލީޑަޝިޕަކީ އެއްވެސް ގޮތަކަށް ނާގާބިލް ލީޑަޝިޕެއް ނޫން. އެއަށް ވުރެ މާ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާ އެކީގައި މަސައްކަތް ކުރާ ލީޑަޝިޕެއް އޮތީ،"
އަދުރޭ

އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރަނީ ވާދަވެރިންނަށް ނުވިސްނޭ ފަދަ ގޮތަކަށް ކަމަށެވެ. ޕީޕީއެމް އަދި ޕީއެންސީ ޖަހައިގަތުމަށް "މިނިކާ ބާޒުތަކަށް" އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"އެކި ގޮތްގޮތަށް މަސައްކަތް ކުރާނެ ކަމެއް ނެތް. އެ ފުރުސަތެއް ނެތް. ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވީ ޕީޕީއެމް/ޕީއެންސީ ހިންގަން އެނގޭ ބޭފުޅުން. އަޅުގަނޑުމެންނަށް ފާޑު ކިޔާނެ ކަމެއް ނެތް. ގަޅި އުކާނެ ކަމެއް ނެތް. އެބޭފުޅުން އެއްލާ ގަޅިއަކުން ލިބޭނެ ގެއްލުމެއް ނެތް،"
އަދުރޭ

އަދުރޭ ވިދާޅުވި ގޮތުގައި ޕީޕީއެމް އަދި ޕީއެންސީގެ ލީޑަޝިޕްގައި މިހާރު ތިއްބެވީ "މާ ހަންބޯ" ބައެކެވެ. އަދި ބުނާހާ އެއްޗަކާ ގުޅިގެން "ފިލައިގެން ނުދާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔާމީން އަޅުގަނޑުމެންނަށް ކުރެއްވި ވައުދަކީ، ކުރެއްވި އިލްތިމާސްއަކީ ޔާމީނަށް ފަހަރެއްގައި ދިމާވާ ގޮތަކުން ޖަލުގައި އޮންނަން ޖެހިވަޑައިގަތަސް، ޕީޕީއެމްގެ މައްޗަށް މިނިކާ ބާޒުތަކެއް ގަދަވެގަތުމުގެ ފުރުސަތު ނުދޭށޭ. ވަރަށް ސާބިތުކަމާ އެކީގައި މި ދަންނަވަނީ ޕީޕީއެމް/ޕީއެންސީގެ މައްޗަށް އެއްވެސް މިނިކާ ބާޒަކަށް ގަދައެއް ނުވެވޭނެ،"
އަދުރޭ

އަދުރޭ އިތުރަށް ވިދާޅުވީ 2023 ގައި ޕީޕީއެމް، ޕީއެންސީން ރިޔާސީ ކެނޑިޑޭޓަކަށްވެސް ހުންނަވާނީ ރައީސް ޔާމީން ކަމަށް އަބުދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.