ޗުއްޓީ ހޭދަކުރަމުންދަނިކޮށް ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު ބޮލީވުޑް ބަތޮލާ ސްރީދޭވީގެ މަސައްކަތްތައް އެންމެ ފަހުން ހިމެނުނު އެއް ފިލްމު ކަމަށްވާ 'ކަލާންކް'ގައި އޭނާއަށް ޑައިރެކްޝަން ނުދެވުނީ ނަސީބަކުން ކަމަށާ، އެކަމާ މިއަދު އުފާވާކަމަށް ކަރަން ޖޯހަރު ބުނެފިއެވެ.

'ކަލާންކް'އަކީ ކަރަން ޖޯހަރު (ކޭޖޯ)ގެ ބައްޕަ ޔަޝް ޖޯހާރު އެންމެ ސަމާލުކަމެއް ދިން އެއް މަސައްކަތެވެ. ނަމަވެސް އެ ފިލްމު ވެގެންދިޔައީ ބޮލީވުޑް ބޮކްސް އޮފީހުގައި ތަރިންނާ، ފޭނުންގެ އިތުރުން ފާޑުކިޔާ ފަރާތްތަކުގެ މެދުގައި މާ ގަޔާވި ފިލްމަކަށް ނޫނެވެ. މި ފިލްމުގައި ބަހާރު ބޭގަމްގެ ރޯލު ކުޅެމުންދިޔަ ސްރީދޭވީ ކުއްލި ގޮތަކަށް މަރުވުމުން އެރޯލުގައި ދެން މަސައްކަތް ކުރީ މާދޫރީ ދިކްޝީތްއެވެ.

ޖޭކޯ ބުނީ 'ކަލާންކް'ގައި ސްރީދޭވީއަށް ޑައިރެކްޝަން ދިނުމަށް އެންމެ އެކަށީގެންވާ މީހަކީ އެނާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާ، އެހެނީ އޭނާއަކީ އަބަދުވެސް ސްރީދޭވީގެ ފޭންއަކަށް ވުން ކަމަށެވެ. ފިލްމް ޑައިރެކްޓަރަކީ ތަރިންގެ ފޭންއަކަށް ވެގެން އެ ފިލްމަކުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެ ކަމަށްވެސް ކޭޖޯ ވަނީ ބުނެފައެވެ. އަދި އޭނާ އެ ފިލްމުގައި ސްރީދޭވީއަށް ޑައިރެކްޝަން ދީގެން ވާނީ ފެއިލް ކަމަށާ، އެއީ ސްރީދޭވީއަށް ހައްގު މަގާމެއް ނޫންކަމަށްވެސް ޖޭޖޯ ވަނީ ބުނެފައެވެ.

މިމޭރުމުން ވާހަކަދައްކަމުން ކޭޖޯ ބުނީ ފިލްމަށް އިސްލާހު ގެންނަންވީ ކިތަންމެ ކަމެއް ސްރީދޭވީ ފާހަގަކުރި ކަމަށާ، އޭނާ ކޮށްދިން ކިތަންމެ ހިދުމަތެއްގެ އަގު ވަޒަން ނުކުރެވި ދޫވެ ގޮސްފައިވާކަމަށެވެ.

އެންމެ ފަހުން 'ކަލާންކް' ޑައިރެކްޓަކޮށްފައިވަނީ އަބީޝޭކް ވަރުމާންއެވެ.

ބޮލީވުޑް ފިލްމީ އުދަރެހުގައި ކޭޖޯ މިހާރު ޑައިރެކްޝަންގެ ހުންގާނުގައި ހިފައިގެން ހުރީ ރަންވީރު ސިންހްއާއި، އާލިއާ ބަޓް އަދި ވިކީ ކޯޝާލް ފަދަ ގިނަ ތަރިންތަކެއް ފެނިގެންދާ ފިލްމް 'ތަޚްތު' ކާމިޔާބު ކުރުމަށެވެ.