އިންޑޮނޭޝިއާގެ ދެކުނުގެ ރަށެއް ކަމަށްވާ ސުމާޓްރާގައި ދަތުރުކުރަމުންދިޔަ ބަހެއް ފުރޮޅާލާ، އަޑީގައި އޮތް ކޯރަކަށް ވެއްޓިގެން ހިނގި ހާދިސާގައި 24 މީހަކު މަރުވެ، 13 މީހަކު ޒަހަމްވެއްޖެއެވެ.

އަންތާރާ ނިއުސް އޭޖެންސީއާއި ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި މިހާދިސާގައި އެކްސިޑެންޓް ވެފައިވަނީ ސްރީވިޖާޔާ ކޮމްޕެނީއިން ފަސެންޖަރުން އުފުލުމަށް ބޭނުން ކުރާ ބަހެކެވެ. މިހާދިސާ ހިނގާފައިވަނި ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށާ، އެކްސިޑެންޓްވިއިރު މި ބަސް ދަތުރުކުރަމުންދިޔައީ ޑެމްޕޯ ޓެންގާ ޑިސްޓްރިކްޓްއިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ ތަރުޖަމާނު ޑޮލީ ގުމާރާއާއި ހަވާލާދީ އޭއެފްޕީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ކޯރުގެ ތެރެއަށް ބަސް ވެއްޓިފައިވަނީ 500 ފޫޓު މަތިންނެވެ. އަދި ކޯރު ތެރެއަށް ބަސް ވެއްޓުމުގެ ކުރިން، ކޮންކުރީޓް ބެރިއަރެއްގައި ބަސް ޖެހިފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

މިހާދިސާގައި މަރުވީ އަދި ޒަހަމްވީ ކޮން ގައުމެއްގެ ބައެއްކަން އަދި ސާފުވާ ގޮތެއް ނުވެއެވެ. މި ހާދިސާގައި އިތުރު ވެހިކަލެއް ނުހިމެނޭއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ.

ގުމާރާއާއި ހަވާލާދީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަހުގެ ތެރޭގައި އަދިވެސް ބައެއް މީހުން ތާށިވެފައި އެބަތިއްބެވެ.

ފެންވަރު ދަށްކޮށް ހަދާފައި އޮތުމުގެ ސަބަބުން އިންޑޮނޭޝިއާގައި މިފަދަ އެކްސިޑެންޓްތައް ހިނގުމަކީ އާންމުކަމެކެވެ. ވަކިން ހާއްސަކޮށް ރަށްފުށުގެ ހިސާބުތަކުގައި ހިނގާ މިފަދަ އެކްސިޑެންޓްތައް ގިނައެވެ. ނަމަވެސް އިންޑޮނޭޝިއާއަކީ ފަތުރުވެރިންގެ މެދުގައި މިފަހަކަށް އައިސް މަގުބޫލުވަމުން އަންނަ ދަތުރުވެރިންގެ މަންޒިލެކެވެ.