މެއިލް-ބޭގެ ސައިޒުގެ 11 ވަރަކަށް ގޯނި ފުރެންދެން ހުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތް، މެދުއިރުމަތީގެ އަރަބި ކަނޑުގެ ސަރަހައްދުން އަތުލައިގަނެވިފައިވާ ކަމަށް އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީއިން ހާމަކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަރަބި ކަނޑުގެ ސަރަހައްދުން އަތުލައިގަތް ކްރިސްޓަލް މެތް ޝިޕްމަންޓްގެ އަގު 3.3 މިލިއަން ސްޓާލިންގް ޕައުންޑް ނުވަތަ 4,271,520 އެމެރިކާ ޑޮލަރަށް އަރާނެއެވެ.

މިތަކެތި އަތުލައިގަނެފައި ވަނީ، ގަވައިދާ ހިލާފަށް އުޅޭ ވިޔަފާރިވެރިންނާ ވަގުވިޔަފާރިވެރިން ހޯދުމަށް އިނގިރޭސިވިލާތުން އަރަބި ކަނޑުގެ ސަރަހައްދުގައި ޕެޓްރޯލް ކުރަމުންދަނިކޮށް، އެޗްއެމްއެސް ޑިފެންޑާ މަނަވަރަށް، އާދަޔާ ހިލާފު 'ތުހުމަތުތަކެއް ކުރެވޭ' ބޯޓެއް ފެނުނު ހިސާބުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައެވެ.

ތުހުމަތު ކުރެވޭ ބޯޓަށް އިނގިރޭސިވިލާތު އަސްކަރިއްޔާގެ ސެއިލަރުންނާ ރޯޔަލް މެރީންސް އެރުމަށްފަހު އެ ބޯޓު ތެރެއިން ނެގި މަސްތުވާތަކެތީގެ ޝިޕްމަންޓްގެ ބަރުދަނުގައި ގާތްގަނޑަކަށް 131 ކިލޯގްރާމް ހުންނާނެ ކަމަށް ޚަބަރު ލިބެއެވެ.

އެޗްއެމްއެސް ޑިފެންޑާގެ ކޮމާންޑިންގް އޮފިސާ ރިޗާޑް ހެވީޓް ވިދާޅުވީ، ފިޔަވަޅުތަކެއް ނޭޅުނުނަމަ އިނގިރޭސިވިލާތަށް އެތެރެކުރުމުގެ ފުރުސަތު އޮތް މަސްތުވާތަކެތީގެ ބޮޑު ޝިޕްމަންޓެއް އަތުލައިގަނެވުނީތީ ފަޚްރުވެރިވާކަމަށެވެ.

އެޗްއެމްއެސް ޑިފެންޑާއިން ކުރިއަށް ގެންދިޔަ އެއް ދުވަހުގެ އޮޕަރޭޝަންގައި، މަސްތުވާތަކެތި އުފުލަމުންދިޔަ ބޯޓު ދެނެގަތީ އަސްކަރީ ހެލިކޮޕްޓަރުތަކުން ފޯރުކޮށްދެމުންދިޔަ މައުލޫމާތުގެ އެހީގައެވެ. ހެލިކޮޕްޓަރަށް މި ބޯޓު ފާހަގަވިއިރު އޭގައި އެއްވެސް ގައުމެއްގެ ދިދަ ނަގާފައި ނެތްކަމަށާ، އަދި މަސްވެރިކަން ކުރާ ކަމުގެ އެއްވެސް ނިޝާނެއްވެސް އެ ބޯޓު އޮތް ސަރަހައްދުން ފެންނަ ނެތްކަމަށްވެއެވެ. ކަންމިހެން އޮތްއިރު، މިއީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއް ކަމާއި، އެ ބޯޓުގައި ތިބީ ކޮން ގައުމެއްގެ ބައެއްކަންވެސް އިނގިރޭސިވިލާތުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ގިނަ އަދަދަކަށް މަސްތުވާތަކެތި ބަރުކޮށްގެންދަނިކޮށް އަރަބި ކަނޑުގެ ސަރަހައްދުން އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހިފަހައްޓާފައި ވަނީ އަރަބި ކަނޑުތަކަށް އާންމު "ދޯވް" އޭ ކިއާ ޒާތުގެ ރިޔާނެގި ބޮޑު ދޯންޏެކެވެ.