އިންޑިއާގެ ފިލްމީ ސިނާއަތުގައި ދޭ އެންމެ ޝަރަފަރުވެރި އެވޯޑްގެ ގޮތުގައި އެގައުމުން ސިފަކުރަމުން އަންނަ ފާލްކޭ އެވޯޑް، ބޮލީވުޑްގެ ބިގް ބީގެ ގޮތުގައި ސިފަކުރަމުން އަންނަ ތަޖުރިބާކާރު ތަރި އަމީތާބު ބައްޗަންއަށް އަރުވައިފިއެވެ.

ދިއްލީގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އިންޑިއާގެ 66 ވަނަ ގައުމީ ފިލްމު އެވޯޑްސް ހަފުލާގައި، ފާލްކޭ އެވޯޑްގެ ހައްގުވެރިއަކީ އަމީތާބު ބައްޗަންކަން އިއުލާން ކޮށްދެއްވީ އިންޑިއާގެ ނައިބު ރައީސް ވެންކައްޔާ ނައިދޫއެވެ. ނަމަވެސް ސިއްހީ ހާލަތު ތަން ނުދޭތީ މިއަދުގެ ހަފުލާގައި އަމީތާބު ބައިވެރިވެފައެއް ނުވެއެވެ.

1 ޖަނަވަރީ 2018 އިން 31 ޑިސެމްބަރު 2018ގެ ނިޔަލަށް އިންޑިއާގެ ސިނަމާތަކަށް ދޫކޮށްލި ފިލްމުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ 66 ގައުމީ ފިލްމް އެވޯޑްސް ހަފުލާގެ ވަކިވަކި އެވޯޑްތަކަށް ބަލާއިރު އަހަރުގެ ބެސްޓް ފީޗާ ފިލްމް ގެންދިޔައީ 'ހެލާރޯ' އެވެ. ފިލްމް 'ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް' އިން އަދިއްތިޔާ ދާރް ބެސްޓް ޑައިރެކްޝަން ގެންދިޔައިރު ބެސްޓް އެކްޓާ (މޭލް) ގެންދިޔައީ ހަމަ މި ފިލްމުން ވިކީ ކޯޝާލްއާއި ފިލްމް 'އަންދާދޫން' އިން އަޔޫޝްމަން ކުރާނާއެވެ. ބެސްޓް އެކްޓާ (ފީމޭލް) ގެ އެވޯޑް ގެންދިޔައީ ކީރްތީ ސުރޭޝްއެވެ.

އަހަރުގެ އެންމެ މޮޅު ހިންދީ ފިލްމަކަށް ހޮވިފައިވަނީ 'އަންދާދޫން' ކަމަށްވާއިރު، އިޖުތިމާއީ މައްސަލަތަކުގެ މައްޗަށް ބިނާކޮށް އުފެއްދި އެންމެ މޮޅު ފިލްމުގެ އެވޯޑް ގެންދިޔައީ 'ޕެޑްމޭން'އިންނެވެ.

އިންޑިއާ ފިލްމް އެވޯސްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ފާލްކޭ އެވޯޑްއަކީ އިންޑިއާގެ ފިލްމީ ސިނާއަތް ކުރިއެރުވުމަށް އެންމެ އަގުހުރި މަސައްކަތްތަކެއް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން 1969 ވަނަ އަހަރުން ފެށިގެން ދެމުންނަ އަންނަ އެވޯޑްއެކެވެ. އެކްޓިންގްގެ ރޮނގުން މިއަހަރު މި އެވޯޑް އަމީތާބު ބައްޗަންއަށް ދީފައިވާއިރު، އިނާމެއްގެ ގޮތުގައި ގާތްގަނޑަކަށް 14000 ޑޮލަރުވެސް ދެއެވެ.