އުވާލާފައިވާ ޖަމިއްޔާއަކުން ފާޅުގައި މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ބުނުމަކީ ގާނޫނަށް ގޮންޖެހުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައި ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލީ އުސޫލުން ބޭރުން ކަމަށާއި ޖަމިއްޔާގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނުމުންނެވެ.

މީގެ އިތުރުން ޖަމީލު ވިދާޅުވެފައި ވަނީ މިކަމަށް އެއްވެސް ކަމެއް ނުކޮށް ތިބޭ ނަމަ ގާނޫނުގެ ބާރު ކެނޑިގެން ދާނެ ކަމަށާއި މަސްލަހަތު އެއްކިބާ ކުރުމަށްފަހު މިކަމަށް ޕީޖީގެ ބަހެއް ރައްޔިތުންނަށް މުހިންމު ކަމަށެވެ.

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ޝާއިއުކުރި އެމްޑީއެން ސަރުކާރުން އުވާލައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

އެމްޑީއެން އިން މިދިޔަ ހުކުރު ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އެ ޖަމިއްޔާގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން ގެންދާނެ ކަމަށާއި އެ ޖަމިއްޔާ އުވާލީ އުސޫލުން ބޭރުން ކަމަށެވެ.

އަދި އެ ނޫސްބަޔާނުގައި، އެ ޖަމިއްޔާ އުވާލާފައިވާ ކަން ސަރުކާރުން ހާމަކުރީ، ޖަމިއްޔާގެ ރަޖިސްޓްރީ ބާތިލު ކުރަން ޔޫތް މިނިސްޓްރީން އެންގި އެންގުމަށް ޖަވާބު ދީފައި ނުވާތީ ކަމަށްވީ ނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ބުނެ އެމްޑީއެނުން ވަނީ އެކަން ދޮގުކޮށްފައެވެ.