އަފްގާނިސްތާނުގެ ރައީސް ކަމުގެ 2 ވަނަ ދައުރެއް، އެގައުމުގެ މިހާރުގެވެސް ރައީސް އަޝްރަފު ގަނީއަށް ކަށަވަރުވުމުގެ ފުރުސަތު ބޮޑު ކަމަށް، ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އަފްގާނިސްތާނުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައި އިއުލާން ކުރަން ހަމަޖެހިފައި އޮތް ވަގުތީ ނަތީޖާތައް ލަސްވި ނަމަވެސް، ކަމާ ބެހޭ ފަރާތްތަކުން މިހާރު އާންމު ކުރަން ފަށާފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ގަނީ ވަނީ ވޯޓުގެ 50.64 ޕަސެންޓް ކާމިޔާބު ކުރައްވާފައެވެ.

އަފްގާނިސްތާނުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަން (އައިއީސީ)އިން މިއަދު އާންމުކުރި ނަތީޖާ ދައްކާ ގޮތުން، ގަނީގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ، ޢަބްދުﷲ ޢަބްދުﷲއަށް ލިބިވަޑައިގަތީ 1.9 މިލިއަން މީހުން ދިން ވޯޓުގެ 39.52 ޕަސެންޓްއެވެ.

3 ވަނާގައި އޮތީ އަފްގާނިސްތާނުގެ ކުރީގެ ބޮޑުވަޒީރު ގުލްބުއްދީން ހިކްމަތުޔާރުއެވެ. އޭނާއަށް ލިބިވަޑައިގަތީ 3.85 ޕަސެންޓް ވޯޓްއެވެ.

އައިއީސީގެ ޗެއާޕާސަން ހައްވާ އަލާމް ނޫރިސްތާނީ ވިދާޅުވީ، އިންތިހާބާ ގުޅިގެން އެ ކޮމިޝަނުން އަދާކުރަންޖެހޭ އެންމެހާ ވާޖިބުތައް ޒިންމާދާރުކަމާ ތެދުވެރިކަމާއެކު އަދާކޮށް ނިންމާފައިވާނެ ކަމަށެވެ.

މުޒާހަރާތަކާ ބޮޑެތި ހަމަނުޖެހުންތަކަކާއެކު ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އަފްގާނިސްތާނުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމަށް ތާވަލުކުރީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހަށެވެ. ނަމަވެސް އެކި ކަހަލަ ޓެކްނިކަލް މައްސަލަތައް އެބަހުރިކަމަށް އައިއީސީއިން ބުނުމާ، އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބައެއް ކެންޑިޑޭޓުން ވިދާޅުވުމުގެ އިތުރުން ބައެއް ކެންޑިޑޭޓުން ކުރައްވަމުން ގެންދެވި މުޒާހަރާތަކުގެ ސަބަބުން ނަތީޖާ އިއުލާން ކުރުން ލަސްވީ ކަމަށް ޚަބަރު ލިބެއެވެ.

ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަސް އަޅާ،އަފްގާނިސްތާނުގެ ޗީފް އެގްޒެކެޓިވް ޢަބްދުﷲގެ ސަޕޯޓަރުން ވަނީ އިންތިހާބީ އޮފީސްތަކެއް މަހެއްހާ ދުވަހަށް ބަންދުކޮށްފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. ކަންމިހެން އޮތްއިރު، މިއަދުގެ ނަތީޖާތައް ބަލައި ނުގަންނަ ކަމަށާ، ކަމާ ބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހަޅާނެ ކަމަށްވެސް ޢަބްދުﷲގެ ޓީމުން ވަނީ ބުނެފައެވެ.

އަފްގާނިސްތާނުގެ އިންތިހާބީ ގާނޫނު ހަމަޖެހިފައި އޮންނަ ގޮތުން، ރަސްމީ ނަތީޖާ އިއުލާން ކުރުމާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، ހުރިހާ ކެންޑިޑޭޓުންނަށް އޮވެއެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނެ ތާރީހެއް އައިއީސީއިން އަދި ހާމަކޮށްފައެއް ނުވެއެވެ.