ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލާ މަރުކަޒުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޫތު ތަކެއް ބަހައްޓަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބު ކުރިއަށް ގެންދިއުމަށް އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ އިރުޝާދާއި އެހީތެރިކަމާއިއެކު މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން އެ ކޮމެޓީގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ހިމަނާފައިވާ ކަމަށެވެ.

"ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވޯޓުލާ މަރުކަޒުގައި ހާއްސަ ބޫތެއް މި ފަހަރުގެ އިންތިހާބުގައި ބަހައްޓަން ވަނީ ނިންމާފަ، އީސީން އެ ނިންމުން ނިންމާފައިވަނީ ކޮމިޝަނުން އެކަމާއި ބެހޭ ގޮތުން މަޝްވަރާކޮށް، ގައުމީ ލަފާދޭ ކޮމިޓީގެ ލަފާގެ މަތިން،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އަޑުއެހުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ފަހުމު ވާގޮތައް ''އަތުގެ އިޝާރާތުން'' ކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަގުބަލެއްގައި އަޅުގަނޑުމެން ރައްޔިތުންނަށް މައުލޫމާތު ދޭން މި ޕްރޮގްރާމް ތަކުގައި އިލެކްޝަން ކޮމިޝަންގެ ބޭފުޅަކާއި އެކު އަޑުއެހުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ދައްކާ ވާހަކަ ފަހުމްކޮށް ދިނުމަށްޓަކައި،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނާއެކު ލޯކަލް ކައުންސިލް އިންތިހާބަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. ލާމަރުކަޒީ ގާނޫނު މަޖިލީހުން ފާސްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގް ކުރައްވާފައިވަނީ މިމަހުގެ ތެރޭގައިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބް އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުުގެ ހަތަރު ވަނަ ދުވަހުއެވެ.