އޮކްޓޫބަރު 1، 2012 ވަނަ ދުވަހަކީ ރާއްޖެ ދުށް އެންމެ އަނިޔާވެރި އެއް މަރު ހިނގައި ދިޔަ ދުވަހެވެ. އެއީ ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް ގަތުލުކޮށްލި ދުވަހެވެ. އޭގެ ފަހުން އޮގަސްޓު 8، 2014 ގައި ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރެވެ. އެންމެ ފަހުން ތަހުގީގުތަކުން ހާމަވީ ކަރު ބުރިކޮށްލައި ކަނޑުފެއްތި ކަމެވެ. ރިޟްވާންގެ މަރަށް ފަހު އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ ބްލޮގާ ޔާމީން ރަޝީދުގެ މަރެވެ. ރާއްޖޭގައި މިވީ ތާރީހުގެ ތެރޭގައި ހިނގި އެންމެ ރަހުމުކުޑަ މަރެވެ. މި ހުރިހާ މަރެއްވެސް ފެތެނީ އެއް ގޮޅި އަކަށެވެ. ހަރުކަށި ފިކުރުގެ ގޮޅި އަކަށެވެ.

ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ބައެއް ނުވަތަ ހަރުކަށި ފިކުރު މީހުންގެ އަޑު އެންމެ ގަދަވެގެން ދިޔައީ 2010 އާއި 2011 އެހާ ހިސާބުގައިއެވެ. އެދުވަސް ވަރަކީ އައިސިސްގެ ދައުލަތެއް ރާއްޖޭގައި ގާއިމް ކުރަން ބަޔަކު ދިދަ ހިފައިގެން މާލޭގައި މުޒާހަރާ ކުރި ދުވަސްވަރެވެ. އޭގެ ފަހުން އެއަޑުތައް މަޑުވި ނަމަވެސް ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކަށް ހަނގުރާމައަށް މީހުން ފޮނުވުމުގެ އަޑުތައް ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިއަދު އެއަޑުތައް ބިރުވެރި އަޑުތަކަކަށް މިވަނީ ވެފައެވެ.

އަނދިރި ދައުލަތެއްގެ ކަޅު ހިޔަނި މުޅި މިގައުމަށް އެޅިފައިވާ މިންވަރު ހާމަވެގެން ދިޔައީ "ވިޔަވަތި ރާއްޖެ" ކޮންފަރެސްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާމަ ކުރެއްވި ބިރުވެރި މައުލޫމާތު ތަކުންނެވެ. އެކޮންފަރެންސްގައި ސީޕީ ހަމީދު ވިދާޅުވީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ އޮޕަރޭޝަނާއި އެ މީހުންގެ އަދަދު ވެސް ކަމާ ބެހޭ މުއައްސަސާތަކަށް ސާފު ކަމަށެވެ. އެ ގޮތުން މީހުންގެ ފުރާނަ ނަގާލަން މަސައްކަތް ކުރާ ހިސާބަށް ހަރުކަށިވެފައި ތިބި ގާތްގަނޑަކަށް 1400 އެއްހާ ދިވެހިން އެބަ ތިބި ކަމަށެވެ. ނަމަވެސް އެއަދަދު 1570 އަށް އަރާ ކަމަށް ސަލާމަތީ ބާރުތަކުން ފަހުން ވަނީ ހާމަކޮށްފައެވެ.

މިއީ ކަންބޮޑުވާ އަދަދެއް ނޫންހެއްޔެވެ؟ ދެންވެސް އޮތީ ހުސް ސުވާލެވެ. އެމީހުން ކޮބާ ހެއްޔެވެ؟ ހަަމަ އެއަދަދަށް މީހުން ރާއްޖޭގައި އެބަތިބި ހެއްޔެވެ؟ ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މިކަން ހުއްޓުވަން ކުރީ ކޮން ކަމެއް ހެއްޔެވެ؟ ސަލާމަތީ ބާރުތަކުން މިކަން ހުއްޓުވަން އެދެވޭ ފިޔަވަޅު ތަކެއް އެޅުނު ހެއްޔެވެ؟ ނޫނީ މިއީ ހަމަ އަޅުވާލި "އަނދުނެއް" ހެއްޔެވެ؟ ނުވަތަ ދީނާ ދެކޮޅަށް ފެށި ހަނގުރާމައެއް ހެއްޔެވެ؟

"ގައުމަށް މިހާ ބޮޑު ނުރައްކަލެއް ކުރިން އޮތް އިރު، ފިޔަވަޅު ތަކެއް ނޭޅި ލަސްވީ ކީއްވެ؟ ގައުމު މިހާލަތަށް ވެއްޓެން ދޫކޮށްލަން ޖެހުނީ ކީއްވެ؟ ބިރުވެރި ހާލަތަކަށް ރައްޔިތުން ދޫކޮށްލި ބަޔަކު ޒިންމާ ނަގަން އެބަޖެހޭ،" އާންމު ރައްޔިތެއްގެ ޝުއޫރު ހިއްސާ ކުރިއެވެ.

މިހާރު ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ސިފަ ކުރައްވާ ގޮތުގައި ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ ހަރުކަށި ފިކުރުގެ ނުރައްކާތެރިކަމެވެ. އަދި ހަރުކަށި ފިކުރުގެ ވާހަކަ ފުޅާކޮށް ދައްކަން ފެށުމުން އެއީ އިސްލާމްދީނާ ދެކޮޅަށް ދައްކާ ވާހަކަތަކެއް ކަމަށް ބަޔަކަށް ހީވިޔަސް އެއީ އިސްލާމްދީނާ ދެކޮޅަށް އަދި ދީނުގެ ދިފާއުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ދައްކާ ވާހަކަތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ހޯމް މިނިސްޓަރު އިމްރާން --

"މިއަދު އަޅުގަނޑުމެން މި ދައްކާ ވާހަކަތަކަކީ އިސްލާމްދީނާ ދެކޮޅަށް ދައްކާ ވާހަކަތަކެއް ނޫން. އަދި އިސްލާމްދީނުގެ ދިފާއުގައި ވާހަކަދައްކަވާ މީހުންނާ ދެކޮޅަށް ދައްކާ ވާހަކަތަކެއްވެސް ނޫން. އަދި ކިޔެއް، އަޅުގަނޑުމެން މިދައްކާ ވާހަކައަކީ ހައްގަކާ ނުލައި މީހުން މަރާލުމުގެ މަސައްކަތް ނުވަތަ މީހުން މަރާލާ ފަދަ ކަންކަން ކުރާ މީހުންނާ ދެކޮޅަށް ދައްކާ ވާހަކަ. ހައްގަކާ ނުލައި ޖެހިގެން ހުރިގޭ މުދާކޮޅު ފޭރި ވަގަށްނަގާތީ އެކަމާ ދެކޮޅަށް ދައްކާ ވާހަކަ." އިމްރާން ވިދާޅުވެފައިވެއެވެ.

ހަނގުރާމައަށް ދާން އުޅުނު މީހުން މުޖުތަމައަށް ދޫކޮށްލާފައި

އެދުވަހު ސީޕީ ހާމަ ކުރެއްވީ ހަމައެކަނި އަދަދެއް ނޫނެވެ. ފޮޓޯ އާއި ވީޑިއޯއިން ހަރުކަށި ފިކުރުތައް ރަނގަޅަށް ސިފަކޮށްދެއްވިއެވެ. އެގޮތުން ހަރުކަށި ފިކުރުގެ ދިވެހިންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ދިވެއްސެއްގެ ބޯ ބުރިކޮށްލައި ހަށިގަނޑާ ވަކިކޮށްފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާލާފައެވެ. އެއީ ސީރިއާއަށް ހަނގުރާމަށް ދިޔަ ބައެކެވެ. އޭގެ ފަހުންވެސް އެތައް ފަހަރެއްގެ މަތިން ދިވެހިން މަރުވިއެވެ.

ސީރިޔާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން 423 ދިވެއްސަކު މަސައްކަތް ކުރިއެވެ. އޭގެ ތެރެއިން އެކަން ކާމިޔާބުވެ ސީރިޔާ އަދި އިރާގަށް ދެވުނީ، 173 ދިވެއްސަކަށެވެ. ބާކީ ތިބި ދިވެހިން ތިބީ މި މުޖުތަމައު ތެރޭގައެވެ. އެމީހުންނަށް ހެދީ ކިހިނެއް ހެއްޔެވެ؟

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހަނގުރާމައަށް ދާން އުޅެނިކޮށް ހުއްޓުވި މީހުން ތިބީ މުޖުތަމައަށް ދޫކޮށްލާފައި ކަމަށެވެ. އަދި އެ އެންމެންގެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރި ކަމަށާއި ބައެއް މައްސަލަތައް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވި އިރު، ބައެއް މައްސަލަތައް ސާބިތު ނުކުރެވިގެން ފައިލް ކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިއީވެސް ކަންބޮޑުވާން ޖެހޭ ވަރުގެ ބޮޑު މައްސަލައެކެވެ. ހަމައެކަނި ސީރިއާއަށް ހަނގުރާމައަށް ދިޔަ މީހުން ރިހެބިލިޓޭޓް ކުރުމުގެ ވާހަކަ ދައްކާއިރު، ހަނގުރާމައަށް ދާން މަސައްކަތް ކުރާ މީހުން ރިހެބިލިޓޭޓް ކުރާ ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ؟ އެއީވެސް އޮތް ބޮޑު ބިރެއް ނޫން ހެއްޔެވެ؟ "ބްރެއިން ވޮޝް" ކޮށްފައި ހަނގުރާމައަށް ފޮނުވާ މީހުންގެ ބިރު ވަކި މުޖުތަމައަށް ކުޑައެއް ނުވާނެ ހެއްޔެވެ؟

އެމީހުންގެ ވިސްނުންވެސް ތަފާތެވެ. އެމީހުން ގަބޫލު ނުކުރާ ގޮތަށް އަމަލު ކުރާ ކޮންމެ މީހަކީ ކާފަރެކެވެ. މި ފަސް ގަަނޑަކީ ކުފުރުގެ ފަސްގަނޑެއް ކަމަށް އެމީހުން ގަބޫލު ކުރެއެވެ. އެމީހުން ގާނޫނުތައްވެސް ގަބޫލެއްވެސް ނުކުރެއެވެ. ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީއަކީ ބާތިލް އެއްޗެއް ކަަމަށްވެސް އެމީހުން ދެކެއެވެ.

އެމްޑީޕީ މެންބަރަކު ވިދާޅުވީ، މުސްތަގުބަލަށްޓަކައި ހަމައެކަނި ހަނގުރާމައަށް ދާ މީހުން އެކަނި ރިހެބިލިޓޭޓް ކުރުމުން ހަމަ މަގަށް މި ގައުމު ނޭޅޭނެ އެވެ. އެވިސްނުން ގެންގުޅޭ އެންމެންވެސް ހަމަ މަގަށް އަޅުވައިގެން ނޫނީ މި ގައުމަށް ހަމަޖެހުމެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީވެސް ތެދެކެވެ. ގައުމު މިހާރު އޮތް ބިރުވެރިކަމުން އަރައި ގަތުމަށް ވަރަށް ބޮޑު މަސައްކަތް ތަކެއް މިވަނީ ކުރަން ޖެހިފައެވެ. ހަމައެކަނި ވަކި ބަޔަކަށް ޓާގެޓް ކޮށްގެން އެބަޔަކު ހަމަ މަގަށް އަޅުުވަން ނުވަތަ ރިހެބް އަށް ގެންގޮސްގެން މިކަން ހުއްޓުވޭކަށް ނެތެވެ. ހަރުކަށި ފިކުރު ގަބޫލު ކުރާ އެންމެންވެސް މުޖުތަކައަށް އަލުން ވައްދަން ޖެހެއެވެ.

ހަރުކަށި ފިކުރު ހައްދު ފަހަނަ އަޅާފައިވާ މިންވަރު އެންމެ ރަށަކުން

ހަރުކަށި ފިކުރުގެ ވާހަކަތައް މިފަހުން އެންމެ ގަދަވެގެން ދިޔައީ މިދިޔަ މަހުގެ ފަހުކޮޅު ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ޒުވާނާ ޝަރުއީ ނިޒާމުގެ ބޭރުން ކުޑަކުއްޖަކާ ކައިވެނިކޮށްގެން އުޅޭ ކަމުގެ އަޑު ފެތުރެން ފެށި ހިސާބުންނެވެ. އޭގެ އެންމެ ފުނަށް ފީނާލި އިރު، އިވިގެން ދިޔައީ ވަރަށްވެސް ބިރުވެރި ވާހަކަތަކެވެ.

ފުލުހުން މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން / ފޮޓޯ: ޕޮލިސް

ދިފާއީ ބާރުތަކުން ވަނީ ރ، މަޑުއްވަރީގެ ބިރުވެރި ވާހަކަތައް ތިލަކޮށްދީފައެވެ. އެގޮތުން މަޑުއްވަރީގައި ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދެއެވެ. އަދި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމުކުރާ ވެކްސިން ނުދީ، ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމުވެސް ވަނީ ކޮށްފައެވެ.

އެވަރުން ނިމުނީއެއް ނޫނެވެ. ކައިވެނިކޮށްގެން ކަމަށް ބުނެ، ކުޑަކުދިން ގެތަކުގައި ބަންދުކޮށްގެން ގެންގުޅެއެވެ. ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާއި ގުޅުންހުރި ސިއްހީ އިންތިޒާމްތަކާއި ހައްގުތަކުން އަންހެނުން މަހުރޫމުކޮށް އެފަދަ އަންހެނުންގެ ފުރާނަ އާއި ސިއްހަތު ނުރައްކާތެރި ހާލަތްތަކަށް ވެސް ވަނީ ހުށަހަޅާފައެވެ.

މިއީ އެންމެ ރަށަކުން ތިލަވި ކަންކަމެވެ. އަދި މިކަހަލަ ކިތައް ރަށް އެބަ އޮތް ހެއްޔެވެ؟ މިއީ މިއަދު ގައުމު އޮތް ހާލަތެވެ. މިއަދު މިއޮތީ ކަންބޮޑުވާ ހާލަތެއްގައެވެ. ބިރުވެރި ހާލަތެއްގައެވެ. މިކަން ހުއްޓުވުމަށް ފުލުހުންނާއި ސިފައިން މިވަނީ އޮޕަރޭޝަނެއް ފަށާފައެވެ. އެއޮޕަރޭޝަންގެ ދަށުން ބައެއް މީހުން ހައްޔަރުކޮށް، އެއް ކުއްޖަކު ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައި ވާކަމަށް ޖެންޑާއާއި ފުލުހުން ބުނެއެވެ.

އިތުރު ބިރެއް؟

ސަރުކާރުން މިނަގާ ކުއްލި "އެކްޝަން"ގެ ސަބަބުން ގައުމު އަނެއްކާވެސް ބިރުވެރި މަގަކަށް ނުހުޅުވޭނެ ހެއްޔެވެ؟ އެބަޔަކަށް އިތުރު ހިތް ވަރެއް ލިބިގެން ނުދާނެ ހެއްޔެވެ؟

ދީނީ އިލްމުވެރިއަކު ވިދާޅުވީ ގަދަބާރުން ކަންތައް ކުރަން ހިފައިފިނަމަ، ކުރިޔަށް އޮތް 5 ވަރަކަށް އަހަރު ތެރޭ މިރާއްޖޭގައި ނުރައްކާތެރި ހަމަލާތައް ދޭނޭ ޖީލެއް އުފެދި މުޖުތަމައިން އެފަދަ ބިރުވެރި ކަންކަން ފެނުމަކީ ވަރަށް ގާތްކަމެއް ކަމަށެވެ.

އިލްމުވެރިއާގެ އެވާހަކަ އަކީ، ރާއްޖޭގެ ފަސްގަނޑުގައި އެ ފިކުރުގެ އޮށް އިންދާ، ރޯކުރި ހިސާބުން ފަރުވާ ފަށައިގެން ނޫނީ އެދެވޭ ނަތީޖާއެއް ނުކުތުމަށް ވުރެ ނުނުކުންނާނެ ވާހަކައެވެ. އަދި ނަތީޖާ ގޯސްވެދާނެ ވާހަކައެވެ.

ރ. މަޑުއްވަރީގައި ރާއްޖޭގެ ސަލާމަތީ ބާރުަތކުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން / ފޮޓޯ: މަޑުއްވަރީ އޮންލައިން

"ދީނީގޮތުން ހަރުކަށި ވިސްނުންތަކެއް ގެންގުޅޭ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި، އެކަމަކު އެމީހުންނާ މެދު ފިޔަވަޅު އަޅަން އަބަދުވެސް ބަލަނީ އެންމެ ހަރުކަށި އަނިޔާވެރި ގޮތަށް ކަންތައް ކޮށްގެން، އޭގެ ނަތީޖާއަކަށް ވާނީ ނުވަތަ އުފެދޭނެ ނެގެޓިވް ރިއެކްޝަނަކީ އެމީހުންގެ ރުޅިވެރިކަން ހައްތަހާ ބޮޑަށް އިތުރުވެ، ހަރުކަށިކަންވެސް އިތުރުވުން، މީގެ ހެއްކަކަށް މިސްރުގައި ވެރިކަން ކުރި، ޖަމާލް އަބްދުއްނާސިރުގެ ލާދީނީ ސަރުކާރުން، ދީނަށް ލޯބިކުރާ އެތައް ބަޔަކު ޖަލަށްލައި ހައްޔަރުކޮށް ކުރި އަނިޔާތަކުގެ ސަބަބުން، މިސްރުގެ ޖަލުތަކުގައި ހައްދުފަހަނައަޅާފައިވާ ތަކްފީރީ ފިކުރު އުފެދި، އެންމެ ފަހުން މިސްރާއި އަދި އެނޫންވެސް ގައުމުތަކަށް މަދު އަހަރުކޮޅެއްގެ ތެރޭގައި މިފިކުރު ފެތުރި ފުޅާވެގެން ދިޔަ ދިޔުން ފުދޭ،" އޭނާ ވިދާޅުވިއެވެ.

ކުއްލި އަކަށް ނަގާ ބޮޑެތި އެކްޝަން ތަކުން ގައުމު ބޮޑު ބިރަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރުވެސް އެބަ އޮތެވެ. އެހެންކަމުން ސަރުކާރުން ނަގާ ކޮންމެ އެކްޝަން އެއް ވާން ޖެހޭނީ ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނަގަންޖެހޭ އެކްޝަން ތަކަކަށެވެ. އެހެން ނޫން ނަމަ އަނެއްކާވެސް ބޮޑު ބިރުވެރި ކަމަކާ ކުރިމަތިލާން ޖެހިދާނެއެވެ.

މި ސަރުކާރުންދޭ ޔަގީންކަން

މިއަދުގެ ސަރުކާރު ވެރިކަމަށް އައިސްފައި ވަނީ ހުރިހާ ކަމެއްވެސް އެއްވެސް ފޮރުވުމެއްނެތި ހާމަކަން މަތީ ކުރާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވަނީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ރާއްޖޭގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު އާންމު ކުރުމުގެ މަސައްކަތް ބަޔަކު ފަށާފައިވާ ކަމަށެވެ. ނަމަވެސް ސިޔާސީ ބޭނުމަކަށްޓަކައި އެއީ ރާއްޖޭގައި ނެތް ކަމެއް ކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރަމުން ގެންގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އެބައޮތްކަމަށް ފާޅުގައި ބުނެ، އެކަމާ ދެކޮޅަށް ސަރުކާރުން މަސައްކަތް ފެށީ އެއީ އަޅާނުލާ ތިބެވޭ ވަރަށް ވުރެ މާ ނުރައްކާތެރި ކަމަށް ވުމުން ކަމަށެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ރައިސް އޮފީހުގައި ބޭވި ކޮންގުރެސްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވާހަކަ ދައްކަވަނީ / ފޮޓޯ: ހަސަން އަތޫފް | ދަ ފުރެސް

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ހަރުކަށި ފިކުރާއި ޓެރަރިޒަމް ހުއްޓުވުމުގައި ދިވެހި ފުލުހުންނާއި ސިފައިން ފުރިހަމަ އަށް ތައްޔާރުވެ ތިބި ކަމެވެ.

ހަމައެއާއެކު ހޯމް މިނިސްޓަރުވެސް ދެއްވީ ޔަގީންކަމެކެވެ. ކަމާ ގުޅޭ ހުރިހާ އިދާރާތަކާ ގުޅިގެން މިކަން ހުއްޓުވަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.

ހަމައެކަނި ޔަގީން ކަމަކުން މިކަން ނިމިގެން ދިއުމެއް ނެތެވެ. ގައުމުގެ ޖީލެއް ބިރުވެރި ނާންމާންކަމެއްގެ ތެރެއަށް ގެނބިގެން ދާއިރު، ހަލާކުގެ ތެރެއަށް ވެއްޓެން ދޫކޮށް ލެވޭކަށް ނެތެވެ. ގައުމުގެ އިސްވެރިން މިކަމާމެދު ވިސްނައި ގައުމު މިހާރު މިއޮތް ބިރުވެރި ކަމުން ސަލާމަތްކޮށް ރައްޔިތުންނަށް އަމާންކަން ގެނެސްދޭން އަވަސް ފިޔަވަޅުތަކެއްގެ މަސައްކަތް މިވަނީ ފަށަން ޖެހިފައެވެ. އެހެން ނޫން ނަމަ ފިއްކަނޑައިގެންދާ ވަރުގެ ބޮޑު ބިރުވެރިކަމެއް ގައުމަށް ކުރިމަތިވެދާނެއެވެ.