ބޮލީވުޑް ސިނާއަތް ދުށް އެންމެ އުފެއްދުންތެރި އެއް ބަތޮލްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދިޔަ ސަލްމާން ހާންގެ އެންމެ ފަހުގެ މަސައްކަތް ކަމަށްވާ "ދަބަންގް 3" ގައި އާ އެއްވެސް ކަމެއް ނެތް ކަމަށް އެ ފިލްމު ބެލި ފަރާތްތަކުން ބުނަން ފަށައިފިއެވެ.

ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ރިލީޒް ކޮށްފައިވާ ފިލްމާ ބެހޭ ގޮތުން ދެކެވެމުންދާ ތަފާތު ވާހަކަތަކަށް ބަލާއިރު، "ދަބަންގް" ފްރެންޗައިޒްގެ 3 ވަނަ އިންސްޓޯލްމަންޓް ނުވަތަ "ދަބަންގް 3" ގައި އެއްވެސް ވަރެއްގެ އަމިއްލަ ވަންތަކަމެއް ނެތް ކަމަށާ، ފުރަތަމަ ފިލްމާއި ހިލާފަށް މިފިލްމު ނިމެންދެން ބަލަން އިނުމަކީ ފޫހި ކަމެއް ކަމަށްވެސް މި ފިލްމު ބެލި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

"ދަބަންގް 3"ގައި ގެނެސްދީފައިވާ ކޮމެޑީއަކީވެސް މަޖުބޫރުން ހޭންޖެހޭ ފަދަ މަންޒަރުތަކެއް ކަމަށާ، ސްޓަންޓްތަކަކީވެސް 'ބުއްދި ގަބޫލުނުކުރާ' ޒާތުގެ ސްޓަންޓްތަކެއް ކަމަށް މި ފިލްމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ފިލްމުގެ ވާހަކައިގެ އިތުރުން މަންޒަރުތައް ގެނެސްދީފައިވާ ގޮތަށްވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެގޮތުން މަންޒަރުތައް އާދަޔާ ހިލާފަށް ޒޫމް ކުރުމާ ހަށިގަނޑުގެ ވަކި ގުނަވަންތަކަކަށް ޒޫމްކުރާ މިންވަރު ގިނަކަންވެސް ފިލްމާ މެދު ހިތް ގަޔާ ނުވާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ފިލްމުގެ ހަގީގީ ޕްލޮޓާ ހަމައަށް އާދެވެނީ 2 ގަޑިއިރު ފާއިތުވާ ފަހުން ކަމަށް ވާއިރު، މި ފިލްމަކީ ޖުމުލަ 2 ގަޑިއިރާ 42 މިނެޓްގެ ފިލްމެކެވެ. އެހެންކަމުން، "ދަބަންގް 3"ގެ ޕްލޮޓް އޮތީ އެންމެ 42 މިނެޓް ވަންދެކަށޭވެސް ބުނެވިދާނެއެވެ.