އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު ޑރ މަހާތީރު މުޙައްމަދު އަމާޒު ކުރެއްވި ފާޑުވިދާޅުވުންތަކާއެކު އިންޑިއާގައި ނުތަނަވަސްކަން އުފެދި، ޑރ މަހާތީރަށް ވަރުގަދަ ރައްދެއް ދީފިއެވެ.

އިންޑިއާގެ ހާރިޖިއްޔާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، ރަށްވެހިކަމަށް އިސްލާހު ގެނައުމުގެ ގާނޫނު (ސީއޭއޭ)އާއި ގުޅިގެން ޑރ މަހާތީރު ވާހަކަފުޅުދައްކަވާފައިވަނީ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ކަމަށާ، ޑރ މަހާތީރު އެ ވަނީ އިންޑިއާގެ ދާހިލީ ކަމެއްގެ ތެރެއަށް ވަދެވަޑައިގެންފައި ކަމަށެވެ.

ސީއޭއޭއަކީ އިންޑިއާގެ ރަށްވެހިންގެ ގޮތުގައި މިހާރު ތިބި އެއްވެސް ބަޔަކަށް އެކަމުގެ ސަބަބުން ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭނެ އިސްލާހެއް ނޫން ކަމަށްވެސް އިންޑިއާގެ ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އިންޑިއާގެ ދާހިލީ ކަންކަމުގެ ތެރެއަށް މެލޭޝިއާއިން ނުވަނުމަށާ، ވަކިން ހާއްސަކޮށް، ހަގީގަތް ރަނގަޅަށް ފަހުމު ނުވެ، އެފަދަ ކަންކަމުގެ ތެރެއަށް ނުވަނުމަށްވެސް އިންޑިއާއިންވަނީ މެލޭޝިއާއަށް ގޮވާލާފައެވެ.

އިންޑިއާއިން މިފަދަ ހަރުކަށި އިބާރާތުން މެލޭޝިއާއަށް އަމާޒުކޮށް ބަޔާނެއް އާންމުކޮށްފައި މިވަނީ، މެލޭޝިއާގައި މިހާރު ކުރިއަށްދާ އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކުއާލަ ލަމްޕޫރު ސަމިޓް 2019ގެ ހަވާސާގައި ވާހަކަފުޅުދައްކަވަމުން، ސީއޭއޭގެ ބޭނުމެއް ކޮންމެހެން އެބައޮތްތޯ ޑރ މަހާތީރު ސުވާލު އުފައްދަވާފައިވާ ދަނޑިވަޅެއްގައެވެ.