މުސްލިމުންނަށް ނިކަމެތިކަން ލިބޭ ގޮތަށް އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހަށް، މެލޭޝިއާގެ ބޮޑުވަޒީރު ޑރ މަހާތީރު މުޙައްމަދު ފާޑުވިދާޅުވެ، ބަހުގެ ވަރުގަދަ ހަމަލާތަކެއް އިންޑިއާއަށް އަމާޒު ކުރައްވައިފިއެވެ.
އިސްލާމީ ގައުމުތަކުގެ އިސްވެރިންނާއެކު މެލޭޝިއާގައި ކުރިއަށް ގެންދަވާ ކުއާލަމްޕޫރު ސަމިޓް 2019ގެ ހަވާސާގައި ވާހަކަފުޅުދައްކަވަމުން ޑރ މަހާތީރު ވަނީ، 70 އަހަރު ވަންދެން އެ ބަޔަކު އެކުގައި އުޅެމުންދިޔަ ގައުމެއްގައި ރަށްވެހިކަމުގެ ގާނޫނަށް 'އިސްލާހު ގެނައުމުގެ ބޭނުމެއް' ކޮންމެހެން އެބައޮތްތޯ ސުވާލު ކުރައްވާފައެވެ.
ފާއިތުވީ 70 އަހަރުވެސް ރަށްވެހިންގެ ގޮތުގައި އިންޑިއާގައި މީހުން ދިރިއުޅެމުންދިޔައީ މައްސަލައެއް ނުޖެހި ކަމަށާ، ނަމަވެސް ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހާއެކު ގިނަ ބައެއްގެ ފުރާނަ ގެއްލެމުންދާއިރު މިފަދަ އިސްލާހެއް ބޭނުމަކީ ކޮބައިތޯ ޑރ މަހާތީރު ވަނީ ސުވާލު އުފައްދާފަވާފައެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ޑރ މަހާތީރު ވިދާޅުވީ، ރަށްވެހިކަން ލިބިގަތުމުގެ ހައްގު، މުސްލިމުންގެ ކިބައިން އިންޑިއާއިން ނިގުޅައިގެންފައިވާ ކަމަށްޓަކައި ހިތާމަކުރައްވާ ކަމަށެވެ. މެލޭޝިއާގައި އެފަދަ ކަމެއް ކުރަންވެއްޖެނަމަ ވެގެންދާނެ ގޮތް ހިޔާލަށްވެސް ގެންނަވަން އެނގިވަޑައިނުގަންނަވާ ކަމަށާ، ޔަގީނުންވެސް ހުރިހާ އެންމެނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެގެންދާނެކަމަށް ޑރ މަހާތީރު ވިދާޅުވިއެވެ.
ޑރ މަހާތީރުގެ ވާހަކަފުޅު މިފަދަ ގޮތަކަށް ހުރިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ދަނީ އިންޑިއާއަށް ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.