ޖަޕާނުން ރާއްޖެއަށް ހަތަރު މިިލިއަން ޑޮލަރު (70.9 މިލިއަން ރުފިޔާ) ގެ ތަކެތި މިއަދު ހަދިޔާކޮށްފިއެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިދިޔަ އޮކްޓޯބަރު މަހު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ރާއްޖެއަށް ޖަޕާނުން ހަދިޔާކުރި ތަކެއްޗެވެ.

މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެތަކެތި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއެކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް 500 މިލިއަން ޖަޕަނީޒް ޔެންގެ ހިލޭ އެހީ ޖަޕާނުން ރާއްޖެއަށް ފޯރުކޮށް ދިނުމަށެވެ. އެއީ ހަތަރު މިލިއަން ޑޮލަރެވެ.

ޖަޕާނުން ދެއްވި އެހީތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ ބައެއް ވަސީލަތްތަކެވެ.