ރާއްޖޭގެ އުތުރާއި ދެކުނުގައި އަޅާ ވިޔަފާރި ބަނދަރުތައް ގާއިމް ކުރުމުގެ މަސަައްކަތުގައި ކޮންސަލްޓެންސީ ދިނުމަށް ނެދަލޭންޑްސްގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) އަދި ޑެންމާކުގެ ނީރާސްގެ ޖޮއިންޓް ވެންޗާއަކާ ހަވާލުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ އެކްޓިން ޕާމަނަންޓް ސެކްރެޓަރީ އަދި ޑިރެކްޓަރު އަހުމަދު މިގްދާދެވެ. އެމްޓީބީއެސް ގެ ފަރާތުން ސޮއިކުރެއްވީ އޮތޮރައިޒްޑް ޑިރެކްޓާ ކޮމާސް އެންތޮނީ ވަން ޑަ ހޮއެސްޓްއެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ އަގަކީ 860،626 ޑޮލަރެވެ.

މި ކޮންޓްރެކްޓު ގައި ހިމެނެނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމް ކުރަން ނިންމާފައިވާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ގާއިމް ކުރުމަށް، ސްކޯޕިންގެ މަސައްކަތާއި ފީސިބިލިޓީ އެނެލިސިސް ހަދައި ޕްރޮޖެކްޓު އެކުލަވަލުމާއި ޓްރާންސެކްޝަން އެޑްވައިޒަރީގެ މަސައްކަތް ކުރުމެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ޓްރާންޝިޕްލމަންޓު ބަނދަރު ގާއިމް ކުރުމުގެ ފީޒިބިލިޓީ ބަލާނެ ސަރަހައްދުތަކަކީ އުތުރުން އިހަވަންދިއްޕޮޅާއި ދެކުނުން ލ. އަތޮޅާއި ހުވަދޫ އަތޮޅާ ދެމެދުގައިވާ ހުވަދޫ ކަނޑާ ކައިރިން އެންމެ އެކަށޭނަ ތަނެކެވެ.

މީގެ އިތުރުން ބަންކަރިން ބޯޓު ފަހަރު މަރާމާތު ކުރުމަށް އަދި ބޫޓުފަހަރަށް ސަޕްލައިކުރުމަށް އަމާޒުކޮށްގެން ހިތަދޫ އިންޓަނޭޝަނަލް ޕޯޓު ތަރައްގީކުރުމުގެ ފީޒިބިލިޓީވެސް މި ކޮންޓްރެކްޓުގެ ދަށުން ބަލާނެއެވެ. އަދި ފީޒިބިލިޓީ އަށް ބިނާކޮށް މަޝްރޫއު ކުރިއަށްގެންދާނޭ ގޮތުގެ ދިރާސާ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ މި ކޮންސަލްޓެންސީގެ ދަށުން ހެދޭ ދިރާސާތަކުގެ އަލީގައި މި މަޝްރޫޢު ކާމިޔާބުކަމާއެކު ތަންފީޒު ކުރުން ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ބަދަލު ކުރެވި ދިގު މުއްދަތަށް ދެމިގެންދާނެ އިންގިލާބީ ހެޔޮބަދަލުތަކެއް ރާއްޖޭގެ އިގްތިސޯދަށް ގެނައުން ކަމަށްވެސް ބަޔާނުގައިވެއެވެ.