ސައިރިކްސް ކޮލެޖުން އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 31 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޯސްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައިރިކްސް ކޮލެޖުގެ ވައިސް ރެކްޓާ އަބްދުﷲ ނާޒިމް ވިދާޅުވީ އެކޮލެޖުން ހިނގާ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. ސައިރިކްސް ކޮލެޖުން ވަނީ ސެޓްފިކެޓް 3 އިން ފެށިގެން މާސްޓާސް ޕްރޮގްރާމްތަކާއި ހަމައަށް ޖުމްލަ 31 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ނާޒިމް ވިދާޅުވީ އެ ކޮލެޖުގެ ހުރިހާ ކޯސްތަކަކީ ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ގަވާއިދުތަކަށް ފެތޭގޮތަށް ފަރުމާ ކޮށްފައިވާ ކޯސްތަކެއް ކަމަށެވެ.

ކޯސްތަކަށް ވަނުމުގެ ޝަރުތުތައް

  • ސެޓްފިކެޓް ލެވެލް 3: ބޭސިކް ލެވަލް އެޑިއުކޭޝަން ލެވަލް ނުވަތަ ގްރޭޑް ހައެއް ނިންމާފައިވުމާއެކު އިނގިރޭސި ބަހަށް ފަރިތަވުން.
  • ސެޓްފިކެޓް ލެވެލް 4: ސެޓްފިކެޓް 3 ފުރިހަމަކުރުން ނުވަތަ ދިވެހި އިސްލާމް ހިމެނޭގޮތަށް އޯ ލެވެލްގެ 3 މާއްދާއިން ފާސްވުން
  • ޑިޕްލޮމާ އަދި ޑިގްރީ: ސެޓްފިކެޓް 4 ނުވަތަ ހަޔާ ސެކަންޑްރީ ފުރިހަމަކޮށް ދެ މާއްދާއިން އޭ ލެވަލްގައި ފާސްވުން
  • މާސްޓާސް: ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައިވުން ނުވަތަ 7 އަހަރު ވަޒީފާގައި އުޅުމުގެ އިތުރުން ލެވެލް 5ގެ ޑިޕްލޮމާއެއް ނިންމައި އުމުރުން 25 އަހަރުވުން. (ވަޒީފާގެ ތަޖުރިބާގައި 7 އަހަރު އުޅެފައިވާނަމަ، އެއީ ޑިޕްލޮމާ ހެދިފަހުން 3 އަހަރު ކަމަށް ވާން ޖެހޭ)

ސައިރިކްސްއިން ބުނީ އެ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގައި ދަރިވަރުންނަށް މަހުން މަހަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށާއި އަދި ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ކެރިއާ ކައުންސިލިންވެސް އެ ކޮލެޖުގެ ދެ ކެމްޕަސް ފޯރުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން ފަސްޓް ޑިގްރީއަށް އަލަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުގެ ހިލޭ ކިޔަވައިދޭ ސްކީމުން ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ކޮލެޖުން ބުނެއެވެ.

ސައިރިކްސް ކޮލެޖުން އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ގުޅޭ އިތުރު މައުލޫމާތު ސައިރިކްސް ކޮލެޖްގެ ވެބް ސައިޓުން ލިބެން ހުންނާނެއެވެ.