ދިވެހިންގެ އުއްމީދީ ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަން އިލެކްޝަން ކޮމިޝަން (އީސީ) އިން ހުއްދަ ދީފިއެވެ.

އީސީ އިން ބުނީ ދިވެހި އުއްމީދީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އެކޮމިޝަނުން ދީފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު އެ ޕާޓީ އުފައްދަން ހުއްދަ ދީފައިވަނީ މ. ރީފްސައިޑް މުހައްމަދު ސައީދު އަށެވެ.

އާ ޕާޓީއެއް އުފައްދަން އީސީ އިން ހުއްދަ ދީފައިވާއިރު، މޯލްޑިވްސް ޖަސްޓިސް ޕާޓީ (އެމްޖޭޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދިނުމަށް ވަރަށް ފަހުން އީސީ އިން ވަނީ ނިންމާފައެވެ. އަދި ދިވެހި އެންމެންގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެ ކޮމިޝަނުން ވަނީ ދީފައެވެ.

ރާއްޖޭގެ ސިޔާސީ މައިދާނަށް ނަޒަރު ހިންގާލާއިރު ސިޔާސީ ޕާޓީގެ ގޮތުގައި 10 ޕާޓީ އަދި އުފެއްދުމުގެ މަގުމަތީގައި އިތުރު 2 ޕާޓީ އެބައޮތެވެ.

ރާއްޖޭގައި 10 ސިޔާސީ ޕާޓީ އޮތް އިރު މީގެ ތެރެއިން އެންމެ ބޮޑީ، މިހާރު ވެރިކަން ކުރާ ޕާޓީ ކަމަށްވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އެވެ. ދެވަނަ އަށް އެންމެ ބޮޑީ، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އެވެ. ތިން ވަނަ އަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތް އިރު، ހަތަރު ވަނައަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި ފަސް ވަނަ އަށް އޮތީ އަދާލަތު ޕާޓީ (އޭޕީ) އެވެ.

ރާއްޖޭގައި އޮތް ހަ ވަނަ އަށް އެންމެ ބޮޑު ޕާޓީ އަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އެވެ. އެއަށްފަހު މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އެވެ. މީގެ އިތުރުން ސަންރައިޒް ޕާޓީ އަދި ދިވެހި އެންމެންގެ ޕާޓީގެ ނަމުގައި ދެ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.