ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ އޮކްޓޯބަރު މަހު އަތުލައިގަތް އީރާނުގެ ބޯޓުން، 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި ދިވެހިންގެ ތެރެއިން އެކަކު ފިޔަވާ ދެން ތިބި ހުރިހާ އެންމެން ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ އީރާނުގެ ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ތުހުމަތު ކުރެވޭ މައިގަނޑު މީހާ ފިޔަވައި ދެން ތިބި ހުރިހާ ދިވެހިން ދޫކޮށްލާފައިވާ ކަމަށެވެ. އެގޮތުން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ އެމައްސަލައިގައި މައިގަނޑު ފަރާތް ކަމަސްވާ ސ. ހިތަދޫ ކޯޒީ ކޯނާ އަލީ އަންވަރާއި އީރާންގެ މީހުން ކަމަށްވެސް ފުލުހުން ބުންޏެވެ. އަންވަރު އަކީ ކުށުގެ ރެކޯޑުވެސް އޮތް މީހެކެވެ. އެއީ ވައްކަން ކުރުމުގެ ކުށުގެ ރެކޯޑެވެ.

އަންވަރުގެ އިތުރުން އެމައްސަލާގައި ހައްޔަރު ކޮށްފައިވާ އީރާންގެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެންޓުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 70 ކިލޯގެ މަސްތުވާތަކެއްޗާއެކު ދަތުރުކުރި "އަލް ޝަބާން" ނަމަކަށް ކިޔާ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައި ވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރެއެވެ. މި ބޯޓު ހިފަހައްޓާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު (149 ނޯޓިކަލް މޭލު) ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަންވަރުގެ އިތުރުން މި މައްސަލައިގައި ހައްޔަރު ކުރީ ކ. ދިއްފުށި މާތިލަ އަހްމަދު ޝަކީބް، 42، އަދި ލ. ގަން ތުނޑި މިލާނޯ މުހައްމަދު ރިޝްފާން، 23، އެވެ.

ޑްރަގް ހިފައިގެން އައި އީރާނު ބޯޓުގެ ކައިރިއަށް ދިޔަ "ހެދޭކުރި" ދޯނީގެ ކެޕްޓަނާއި ފަޅުވެރިން ވެސް ފުލުހުން އަތުލައިގަތެވެ. އެއީ ކ. ދިއްފުށި، އިރުމަތީގޭ އާދަމް މިސްބާހް، 39، އާއި ލ. ގަން ތުނޑި އީޓް ޖެހިގޭ މުހައްމަދު އިނާޝް، 22، އާއި ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ އަލީ އަހްމަދު، 24، އަދި ތުހުން، 36، އެވެ.

އީރާނުގެ ބޯޓުގައި ތިބި މީހުންނަކީ ފަކީރު، 50، އާއި އިސްމާއީލް އިބްރާހީމް، 50، އާއި ސާޖިދު، 50، އާއި ނަވިދު، 30، އާއި އީސާ ސުލައިމާން، 26، އަދި އަލީ ރާޖާ، 19، އެވެ.

އެއޮޕަރޭޝަން ގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާ އަށް އަރައެވެ.