އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑު ގުޅިގެން މިނިމަމް ވޭޖާ ގުޅޭގޮތުން ކޮށްފައިވާ ދެ ދިރާސާއެއްގެ ރިޕޯޓް ކެބިނެޓަށް ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ.

އެ ދެ ދިރާސާ ރިޕޯޓް މިހާރު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާ ހަވާލުކޮށްފައެވެ. ރިޕޯޓްތައް ލިބިވަޑައިގެން މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި އެ ދެ ރިޕޯޓު ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރު އެ ދެ ދިރާސާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށް ބޭނުންވާ ގާނޫނު އެކުލަވާލުމަށް ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާއިރު، މިނިމަމް ވޭޖު ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓަރަށް ލަފާދިނުމަށް މިނިމަމް ވޭޖް ބޯޑެއް ވަނީ އެކުލަވާލައިފައެވެ.

މިނިމަމް ވޭޖް ބޯޑަކީ، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރައީސް އެކުލަވާލައްވަން ލާޒިމް ކުރާ ބޯޑެކެވެ. އެ ގާނޫނުގައި ބުނެފައި ވަނީ، އެކިއެކި ވިޔަފާރި ކުރާ ތަންތަނާއި އެނޫންވެސް މަސައްކަތްތައް ކުރާ ތަންތަނު ގައި މުވައްޒަފުން މަސައްކަތް ކުރަމުން ދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑެއް އޮންނަން ވާނެ ކަމަށެވެ.

އެންމެ ކުޑައުޖޫރަ ކަނޑައެޅުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.