ދިރާގާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އެ ބޭންކްގެ ކަސްޓަމަރުންނަށް ދިރާގު ޕޭ ވޮލްޓްތަކަށް ކަސްޓަމަރުގެ ބޭންކިން ޕޯޓަލް މެދުވެރިކޮށް ފައިސާ އެޅުމުގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
ދިރާގުން ބުނީ، މި ހިދުމަތް ވެގެން ދާނީ މުޅި ރާއްޖޭގައިވެސް އަލަށް ބޭންކް އަކާއި ދިރާގު ޕޭ ފަދަ އިލެކްޓްރޯނިކް ވޮލެޓެއް އިތުރު އެޕްލިކޭޝަނެއް ނުވަތަ ޕޭމަންޓް ގޭޓްވޭއެއް މެދުވެރި ނުކޮށް ކޭޝް އިން ކުރެވޭނެ ގޮތުގެ އިންތިޒާމެއް ގާއިމުކޮށްދިން ފުރަތަމަ ފަހަރަށް ކަމަށެވެ
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، މި ތައާރަފު ކުރެވުނު ހިދުމަތުގެ ސަބަބުން ދިރާގުޕޭގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އަދި މިއީ ކޮމާޝަލް ބޭންކް ފަދަ މާލީ މުވައްސަސާ ތަކާ އެކު ދިރާގުން އޮންނަ ގުޅުން ބަދަހިކޮށް މުސްތަގުބަލުގައި 'ކޭޝްލެސް' މުޖުތަމައެއް ބިނާ ކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެ ބޭންކްގެ ސީއީއޯ އަދި އެމްޑީ ދިލަން ރާޖަޕަކްސަ ވިދާޅުވީ މި ޕާޓްނާޝިޕަކީ އެ ބޭންކަށް ޒަމާނީ ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ހާސިލް ކުރެވުނު ލަނޑުދަނޑިއެއް ކަމަށެވެ.
ދިރާގުޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 230 މާޗެންޓުން ފޯރުކޮށްދެއެވެ. އަދި މި ފަދަ މާޗެންޓް ތަކުން ދިރާގުޕޭ ގެ ކަސްޓަމަރުންނަށް މި ހިދުމަތް ބޭނުން ކުރައްވައިގެން ކުރައްވާ ވިޔަފާރި ތަކަށް 10 ޕަސެންޓާއި 50 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓު ލިބިގެންދާނެއެވެ.
ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތައާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއާ ފީލްޑް ކޮމިއުނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.
ދިރާގުގެ އަމާޒަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމެވެ.