މީގެ އަހަރެއްހާ ދުވަސް ކުރިން އިންޑޮނޭޝިއާ ސިއްސުވާލި އަނަކް ކްރަކަޓޯއާ އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާގައި އަލިފާން ފަރުބަދައިން ނައްޓައިގެން ދިޔަ ބައިތައް، ކަނޑުގެ ސަތަހައިގެ އަޑިން ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ.
އަނަކް ކްރަކަޓޯއާ އަލިފާން ފަރުބަދަ ގޮވާ، އެ ފަރުބަދައިގެ އެއްބައި ކަނޑަށް ފައިބައިގެން ގޮސްފައިވާއިރު، ސައިންވެރިން މި ބައިތައް ހޯދާފައިވަނީ ސޯނާ ޓެކްނޮލޮޖީގެ އެހީގައި، ހާއްސަ އާލާތްތަކެއް ބޭނުންކޮށްގެން ފޮޓޯ ނަގައިގެންނެވެ.
ކަނޑަށް ފައިބައިގެންގޮސްފައިވާ ބައެއް ބައިތަކުގެ އުސް މިނުގައި 70-90 މީޓަރު އެބަހުރި ކަމަށް މައުލޫމާތު ލިބެއެވެ.
2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ހާދިސާގައި، މި ބައިތައް ކަނޑަށް ވެއްޓި އުފެދުނު ބޮޑެތި ރާޅުބާނީތައް އަރާފައިވަނީ ޖާވާއާއި ސުމާޓްރާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށެވެ. ރޭގަނޑުގެ ވަގުތުގައި ހިނގާދިޔަ މި ހާދިސާގައި ސުންޑާ ސްޓްރެއިޓްއިން 400އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަހަމްވެ، ގިނަ އަދަދެއްގެ ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހުނެވެ.
އަނަކް ކްރަކަޓޯއާ އަލިފާން ފަރުބަދަ ގޮވުމާ، އެ ފަރުބަދައިގެ އެއްބައި ކަނޑަށް ފައިބައިގެން ދިޔަ ގޮތް ދެނެގަތުމަށް ސައިންސްވެރިން މަސައްކަތްކުރާތާ މިހާރު އަހަރެއްހާ ދުވަސް ވަނީއެވެ. ނަމަވެސް މި ފަހަކާ ޖެހެންދެން އެ ދިރާސާ ކުރަމުންދިޔައީ ފެނުގެ ސަތަހައިގެ މަތިން ފެންނަން ހުރި ބައިތަކަށް ބަލައިގެންނެވެ. ނަމަވެސް ކަނޑު އަޑީގެ ދިރާސާތަކެއް ހެދުން މުހިންމުކަން ފާހަގަވި ހިސާބުން ކުރިއަށް ގެންދިޔަ ހޯދުންތަކުގައި، ކަނޑުގެ 200 މީޓަރު އަޑިން އަލިފާން ފަރުބަދައިގެ ބައިތައް ފެނިފައިވާ ކަމަށާ، އެ ބައިތަކަކީ އަލިފާން ފަރުބަދަ ގޮވުމުގެ ކުރިން އުފެދިފައިވާ ބައިތަކެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ސައިންސްވެރިންގެ އަމާޒަކީ އަނަކް ކްރަކޯޓާ ހާދިސާއިން ފިލާވަޅުތަކެއް ދެނެގަތުމެވެ.