އަންހެނެއްގެ ހެދުން ސައިކަލުގެ ފުރޮޅުގައި އޮޅި ތާށިވެގެން އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި، މި އެކްސިޑެންޓު ހިނގާފައިވަނީ މިރޭ 8 ހާއިރު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން އަންހެނެއްގެ ހެދުން ސައިކަލުގެ ފުރޮޅުގައި އޮޅި ތާށިވެގެން ކަމަށެވެ. މި އެކްސިޑެންޓު ހިނގުމާއެކު އެވަގުތު މަގުމަތީގައި ތިބި އާންމުންގެ އެހީތެރިކަމާއެކު ފުރޮޅުގައި އޮޅި ތާށިވެފައިވާ ހެދުމުގެ ބައި ކަފާލައިގެން އަންހެން މީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި އެވަގުތު އޭނާގެ ހަށިގަނޑު ފެންނާތީ ޓީޝާޓެއް ލެއްވުމަށްފަހު ފުލުހުންގެ އެހީތެރިކަމާއެކު، އަންހެން މިހާ އައިޖީއެމްއެޗްއަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި އަންހެންމީހާގެ އަތަށާއި ފަޔަށް އަނިޔާވެފައި ވާކަމަށް ފުލުހުން ބުންޏެވެ. އެ ސައިކަލް ދުއްވަން އިން ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އަންހެން މީހާ އެވަގުތު ލައިގެން ހުރީ ބުރުގާ އަޅައިގެން ދިގު ހެދުމެއް ކަމަށް ފުލުހުން ބުނެއެވެ.

ދިގު ހެދުން ލައިގެން ސައިކަލުގައި ދަތުރުކުރާ ފަރާތްތަކުން، ސައިކަލުގެ ފުރޮޅާއި ދިމާލަށް ހެދުން ނުދާނެހެން ސަމާލުވެ އިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.