ވެރިކަމުގެ ލައްޒަތާއި ޖާހަތު މަތިކުރުމަށްޓަކައި، ބާރުތައް މުށުތެރެއަށް ލެއްވުމަކީ، އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށްފަހު، އެ އިސްލާހާ ބެހޭގޮތުން މަޝްވަރާ ކުރުމަށް 'ވިޔަވަތި ރާއްޖެ' ގެ ނަމުގައި ކުރިއަށްދާ ކައުންސިލްރުންގެ މަހާސިންތާގައެވެ. ރައީސް ސޯލިހް ވިދާޅުވީ، ވެރިކަމުގެ ބާރުތައް މުށުތެރެއަށް ލެއްވުމަކީ، ވެރިކަން ކުރުމަށް ވަރަށް ފަސޭހަގޮތަކަށް ވެދާނެ ކަމަށެވެ.

ނަމަވެސް ބާރުތައް މުށުތެރެއަށް ލެއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށާއި، ސަރުކާރު ހިންގުމުގައިވެސް އެމަނިކުފާނު ގެންގުޅުއްވަނީ އެ އުސޫލު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެގޮތުން މިނިސްޓްރީ ތަކަށާއި، މިނިސްޓަރުންނަށް ބާރުތައް ދޫކޮށްލައްވައި، މަސައްކަތް ކުރުމުގެ އިހްތިޔާރު ދެއްވާފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް މި ގެނެވުނީ ވަރަށް މުހިންމު ބަދަލުތަކެއް ކަމަށާއި، އޭގެ ތެރެއިން ވެސް އެންމެ މުހިންމު އެއް ބަދަލަކީ، މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުވުން ކަމަށެވެ. އެގޮތުން ކައުންސިލުތައް ބާރުވެރިކުރުވުމަށް ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދޭއިރު، ރަށަށް، އަތޮޅަށް އަދި ސިޓީއަށް ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް، ކައުންސިލްތަކަށް ދޫކުރާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސް އިބްރާހިމް މުަހއްމަދު ސޯލިހް / ފޮޓޯ: ރައީސް އޮފީސް

މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް މިގެނައި އިސްލާހާ އެކު އަންހެންނަށް މިހާރަށް ވުރެ އިތުރު ފުރުސަތުތައް ހޯއްދަވައި ދެއްވިފައިވާ ކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެންނަށް ހާއްސަ ކުރެވިފައިވާ ކަމަށާއި، މިއީ މި ގާނޫނަށް ގެނެވުނު ވަރަށް މުހިންމު ބަދަލެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ފަސް މެންބަރުންގެ ކައުންސިލަކުން ދެ ގޮނޑި އަންހެންނަށް ހާއްސަ ކުރެވޭއިރު، ހަތް މެންބަރުންގެ ކައުންސިލަކުން ނަމަ، ތިން ގޮނޑި އަންހެންނަށް އެބަ ރިޒާވް ކުރެވެއެވެ. އަދި މި ގާނޫނުގެ ދަށުން ކޮންމެ ރަށެއްގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަށްޓަކައި ފަސް އަންހެންގެ މައްޗަށް އެކުލެވޭ، އަންހެނުންގެ ކޮމިޓީއެއް އިންތިހާބު ކުރެވޭނެއެވެ.

ވިޔަވަތި ރާއްޖެ މަހާސިންތާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހް ވިދާޅުވީ، މީހުން ދިރިއުޅޭ 179 ރަށާއި 3 ސިޓީގައި، 384 އަންހެނުން ކައުންސިލްތަކަށް އިންތިހާބު ކުރެވިގެން ދާނެ ކަމަށާއި، އަންހެނުންގެ ކޮމިޓީތަކަށް 929 އަންހެނުން އިންތިހާބު ކުރެވިގެންދާނެ ކަމަށެވެ. އަދި މި އަދަދުތަކަށް ބަލާއިރު، ދެން ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަކާ ގުޅިގެން ޖުމްލަ 1313 އަންހެނުން، އިންތިހާބީ މަގާމުތަކުގައި ރަށްރަށުގައި ތިބޭނެ ކަމަށާއި މިއީ، އިންތިހާބުކުރާ އަދަދު، ފިރިހެނުންނަށް ވުރެ އިތުރު އަދަދެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ މިންތީގެ ހަމަހަމަކަމަށް ކުރައްވައި މަސައްކަތްޕުޅުގައި އިޖުތިމާއީ ގޮތުން ގެނެވުނު ވަރަށް ރަނގަޅު ބަދަލެއް ކަމަށެވެ.