ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޝްވަތު ނެންގެވި ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވި މައްސަަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބަޔާން ނުދެއްވާނެ ކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރްޕީން ބުނީ، ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަކައާ ގުޅިގެން އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލާގައި ބަޔާން ދިނުމަށް ގުޅި ކަމަށެވެ. ނަމަވެސް، އެ މައްސަލާގައި ބަޔާން ދެއްވުމާ ޖާބިރު ދެކޮޅު ހެއްދެވުމުން މިހާރު އޭސީސީ އަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
ޑީއާރްޕީން މިފަދައިން ޓްވީޓްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޓެގް ކޮށްފައެވެ. މަޖިލިސް މެންބަރަކު އެއްވެސް މުއައްސަސާއަކަށް ހާޒިރު ކުރަންޏާ މަޖިލީހުގެ ސަމާލުކަމަށް އެކަން ގެންދަން ޖެހެއެވެ.
ރައީސް ސާލިހަށް ތުހުމަތު ކުރައްވައި ޑީއާރުޕީގެ ލީޑަރު ޖާބިރު ވާހަކަތައް ދައްކަވާފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ބަޖެޓުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. ޖާބިރު އެދުވަހު ވަނީ، ރައީސް ސޯލިހާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ވައްކަމުގެ ތުހުމަތު ކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހާއި ޝާހިދު އަދި އަމީރު މަގާމު ހޯއްދެވީ ރިޝްވަތު ދެއްވައިގެން ކަމަށް ވިދާޅުވެ ޖާބިރު ވަނީ ރައީސް ސޯލިހަކީ ރިޝްވަތުގެ ދާއިރާއިން ޕީއެޗްޑީ ނަންގަވައިގެން ހުންނެވި ބޭފުޅެއް ކަމަށާއި، ރައީސް ސޯލިހް މަޖިލީހަށާއި، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުއްވާ ކަމަށް ވިދާޅުވެ ތުހުމަތުތައް ކުރައްވާފައެވެ.
ޖާބިރު ވިދާޅުވެފައި ވަނީ، އެ ދުވަހަކީ ރައީސް ސޯލިހްގެ ވެރިކަމުގެ މުއްދަތު ހަމަވި ދުވަސް ކަމަށާއި، އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރަކީ މި ރާއްޖޭގައި ތިބި ހުރިހާ އެންމެން އަދުލު އިންސާފުގެ ބޭރުން ހައްޔަރުކޮށް ބަހައްޓާފައި ވަގުތީ ގޮތުން ގާއިމް ކުރި ސަރުކާރެއް ކަމަށާއި، އެއް އަހަރު ފުރުނުއިރު، އެމަނިކުފާނަށް ސަރުކާރު ނުހިންގެވުނު ކަމަށް ވިދާޅުވެ މި ރާއްޖެ މަސައްކަތް ކުރާނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކޮށްގެން ކަމަށް ޖާބިރު ވިދާޅުވެފައި ވެއެވެ.
ތީހަމަ ފައްކާ ދެބޯގެރިއެއް