ބޭންކް އޮފް މޯލްޑިވްސްެ (ބީއެމްއެލް) ގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ.ވެލިދޫގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ގާއިމްކޮށްފިއެވެ.

ބީއެމްއެލުން ބުނީ މި ހިދުމަތާއެކު، ނ. އަތޮޅުގައި ބީއެމްއެލް އިން ބޭންކިން ހިދުމަތް ދޭ 3 ބްރާންޗާއި، 3 ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އޭޖަންޓުން މެދުވެރިކޮށް ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އަދި މި ހިދުމަތާއެކު، ބީއެމްއެލްގެ އަމާޒަކީ މިހާރު ގާއިމް ކުރެވިފައިވާ ބްރާންޗުގެ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނީ މި ހިދުމަތާއި އެކު ހުޅުވިގެންދިޔަ އައު ބްރާންޗުން އެކައުންޓް ހުޅުވުމާއި، ޕާސަނަލް އަދި ބިޒްނަސް ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ހިދުމަތަށް އެދި ހުށަހެޅުމަށް ބޭންކު ހުޅުވިފައި ހުންނަ ވަގުތުތަކުގައި މި ބްރާންޗުގެ މުއައްޒަފުންގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

މި ހިދުމަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ ބީއެމްއެލްގެ އާ ބްރާންޗާ އެކު ވެލިދޫގެ ރައްޔިތުންނަށް މި ފޯރުކޮށްދިން ހިދުމަތަކީ ބީއެމްއެލަށް ލިބުނު އުފަލެއް ކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ފަސޭހަ ކަމާއިއެކު ހިދުމަތަ ލިބިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހުޅުވުނު އާ ބްރާންޗު މެދުވެރިކޮށް ވެލިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދެވޭ ކަމީ އަޅުގަަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިންގ ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް
ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 50 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.