ދިވެހިރާއްޖެއާއި އަވަށްޓެރި އިންޑިއާގެ ގާތް ގުޅުން ގޯސްވެއްޖެ ކަމަށް ގަބޫލުކުރައްވާނީ ދިވެހިން ހިންދީ ފިލްމު ބެލުން ހުއްޓާލާ، ގުލާބު ޖާމަން ކެއުން ހުއްޓާލި ދުވަހަކުން ކަމަށާ، ނަމަވެސް އެއީ ކައިރި މުސްތަގުބަލެއްގައި ވެދާނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް، ގާނޫނު ހަދާ މަޖިލީހުގެ ވަފުދަކާއެކު އިންޑިއާއަށް މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއާއި އިންޑިއާގެ ގާތް، އަޚުވަންތަ ގުޅުމާ ބެހޭ ގޮތުން އިންޑިއާގައި ހުންނަވާ، މިއަދު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރުގެ ވާހަކަތައް އަބަދުވެސް އޮންނަނީ 'އެއް ސޮފުހާ'އެއްގައި ކަމަށާ، ދޭދޭ ގުޅުންތަކުގެ މުސްތަގުބަލުވެސް އޮތީ އުޖާލާކޮށް ކަމަށެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު (ކ) އިންޑިއާގެ ހާރިޖީ ވަޒީރު ޑރ ޖައިޝަންކަރުއާއި ބައްދަލުކުރައްވަނީ/ފޮޓޯ: ޓްވިޓާ

މާޒީގެ އެންމެ ދުރު ހިސާބުތަކަށް ބަލާއިރުވެސް އިންޑިއާއަކީ އަބަދުވެސް ދިވެހިންނާއެކުގައި އޮތް ގައުމެއްކަން ވާހަކަކުރައްވާ ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ދިވެހިންނާ އިންޑިއާ މީހުންނަށް އެއް ފޮތެއް ކިޔައި، އެކައްޗެއް ކައިގެން، އެއް ފިލްމުތަކެއް ބަލައިގެން، އެއް ކަންތައްތަކެއް ކުރަމުން އައި އެއް ބައެއްކަމަށެވެ.

ރައީސް ނަޝީދުއާއި ގާނޫނު ހަދާ މަޖިލީހުގެ ވަފުދެއް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާއާއި ރާއްޖޭގެ އެކުވެރި ގުޅުމުގެ ފާލަން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީވެސް ވަނީ ސިފަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ނަޝީދުވެސް ވަނީ، އިންޑިއާއިން މިހާރު ތަންފީޒުކުރަމުންދާ 'ފުރަތަމަ އަވަށްޓެރިޔާ'ގެ ސިޔާސަތަށް ދިވެހިރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އިންޑިއާއަށް އަރުވާފައެވެ.