މަގުމަތީގައި ދުއްވުމާއި ހިނގާބިނގާވުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ "ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ގައުމީ ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަގައި، މި ހަރަކާތަކީ މިއަހަރު ކުރީކޮޅު މި ސަރުކާރުން ފެށި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެއްކަން ފާހަގަކުރެއްވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވީ ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މަގުމަތީގައި ހިނގާފައިހުރި ނުރައްކާތެރި ހާދިސާތަކާއި އަދި މިހާރުވެސް ހިނގަމުންދާ ހާދިސާތަކަކީ ރައްޔިތުން އިންތިހާ ދަރަޖައަށް ކަންބޮޑުވާ ހިސާބުގައި ހުރި މައްސަލަތައް ކަމުގައި އެމަނިކުފާން ވިދާޅުވިއެވެ. އަދި މަގުމަތީގައި ހިނގާ އެކްސިޑެންޓެއްގެ ޝިކާރައަކަށްވެ ދަރިއަކު ދުނިޔެދޫކޮށްދާންޖެހުމަކީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫން ކަމަށާއި ދުވެލި މަޑުކުރުމަކީ އަޅުގަނޑުމެންގެ އަމިއްލަ ކޮންޓްރޯލްގައި އޮތްކަމެއް ކަމުގައި ވިދާޅުވެ ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
މަގުމަތީގައި ދުއްވާ އުޅުމުގައި މަޑު ދުވެއްޔެއް އިހަތިޔާރު ކުރުމަށް ޒުވާނުންނާއި ދިވެހި އެންމެހާ ރައްޔިތުންނަށް ނައިބް ރައީސް އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން އެކިއެކި މަސައްކަތްތަކުގައި އެކި ފަންތީގައި ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު ވަރަށް ގިނަކަން ފާހަގަކުރައްވައި އެމަނިކުފާން ވިދާޅުވީ އެމީހުންގެ ކިބައިންވެސް ކަންތައްތަކެއް ރަނގަޅުވެގެންދާނީ، އަޅުގަނޑުމެން ނަމޫނާ ދައްކައިގެން ކަމުގައެވެ. އަދި އަޅުގަނޑުމެންގެ ގައުމުގައި އެތަކެއް ބިދޭސީން އުޅެމުންދާއިރު، އެފަރާތްތަކަށް މިގައުމުގެ ގަނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާއި އަޅުގަނޑުމެންގެ ހަމަތައް އެފަރާތްތަކަށް ކިޔައިދޭންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
"ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ހިނގާލުމަކީ މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ޖަމިއްޔާތައް ޝާމިލްވާގޮތަށް ހިންގި ގައުމީ ހަރަކާތެކެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެއްވަގުތެއްގައި އިއްޔެ މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވެއެވެ.
މާލޭގައި މި ހަރަކާތް ކުރިޔަށްގެންގޮސްފައިވަނީ ސޯޝަލް ސެންޓަރު ސަރަހައްދުން ފެށިގެން މަޖީދީ މަގުން އިރަށެވެ. މި ހިނގާލުމުގައި ބައެއް ސަރަހައްދު ތަކަށް މަޑުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހޭލުންތެރި ކުރުމުގެ މެސެޖުތަކާއި މަންޒަރުތަކާއެކު ނުރައްކާތެރި އެކްސިޑެންޓްގެ ހާދިސާއެއްގެ ހަރަކާތްތަކެއް ދައްކާލާފައިވެއެވެ.