ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ކުރެއްވި ޓުވީޓެއްގައި ވަނީ މި ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުމާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވިފައި ވާ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައި ވަނީ، ސަރަހައްދީ އަދި އެހެނިހެން ބައިނަލްއަގުވާމީ މައްސަލަތަކާއި މޫސުމަށް އަންނަ ބަދަލާއި ޕެރިސް ލަނޑުދަނޑިތަކާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކާއި އިއާދަކުރަނިވި ހަކަތަ އަދި މުރަކަ ފަރުތައް ހިމާޔަތް ކުރުމާ ބެހޭ ގޮތުން ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް ނަޝީދު ވަނީ އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫއާ ވެސް ބައްދަލު ކުރައްވާފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ވާހަކަ ދައްކަވާފައި ވަނީ ކުރީގެ ސަރުކާރުން ޗައިނާއިން ނަގާފައި ވާ ލޯނުގެ ދަރަނިން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ.

ރައީސް ނަޝީދާއި މަޖިލިސް މެންބަރުންގެ ދަތުރުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، "ލޮކް ސަބާއާ" އެކު "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން" އެއްގައި ވަނީ ސޮއިކޮށްފައެވެ.