ރާއްޖޭގެ މާލީ ހާލަތު ދައްވެ "ދަންތުރައެއްގަައި" ވެއްޓިފައި ވަނީ ޗައިނާއާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޭއްވި ގުޅުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި ލޯކް ސަބާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރާއްޖެއާއި ޗައިނާ އާ އޮތް ގުޅުމުގެ ވާހަކަ ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީނުގެ ސަރުކާރުގައި ޗައިނާ އާ ބޭއްވި ގުޅުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދާއި ރާއްޖޭގެ މާލީ ހާހަތު ދައްވެފައި ވާ ކަމަށެވެ. އެގޮތުން ޗައިނާ އާ އޮތް އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ވަނީ އަނދަވަޅަކަށް ވެއްޓިފައި ކަމަަށާއި އެއިން މިންޖުވާން ދުވަސް ނަގާނޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެ އިންޑިއާ ގުޅުމަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ގުޅުން ކުރިއަށް ވުރެ ބަދަހި ވެގެން ދާނެ ކަމަަށާ ރާއްޖޭގެ މުސްތަގްބަލް އުޖާލާ ކަމަށެވެ. އަދި ރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތަށް ކުރިއަރާނީ އިންޑިއާ ފަދަ ގައުމަކާ ގުޅުން ބަދަހިވެގެން ކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އަބަދުވެސް އިންޑިއާއި ރާއްޖޭގެ ރައްޔިތުންނާ އޮނަން ގުޅުން ދެމި އޮންނާނެ ކަމަށާއި ބަދަލު އަންނަނީ ސަރުކާރު ބަދަލު ވުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ސަރުކާރާއި އިންޑިއާގެ ސަރުކާރުން މިފަދަ މައްސަލަ ތަކަށް ހައްލު ހޯދާނެ ކަމަށާއި މި ގުޅުމަކީ ވަކި ނުކުރެވޭނެ ވަރުގެ ގުޅުމެއް ކަމަށްވެސް ރައީސް ނަޝީދުގެ ވާހަކައިގައި ފާހަގަ ކުރައްވާފައި ވެއެވެ.