މީގެ އަހަރެއްހާ ދުވަސް ކުރިން ބޮލީވުޑަށް ކުރިމަތިވި ސެލެބްރިޓީ ކައިވެނީގެ އޮއެވަރުގައި އެޖެހުނު އެއް ޖޯޑަކީ ބައިނަލްއަގުވާމީ ސުޕާސްޓާ ޕްރިޔަންކާ ޗޯޕްޅާއާއި އެމެރިކާގެ ޒުވާން ފަންނުވެރިޔާ ނިކް ޖޮނަސްގެ ޖޯޑެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޕްރިޔަންކާއާއި ނިކްގެ ކައިވެނި ހަފުލާއަކީވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުވާލި ހަފުލާތަކެކެވެ.

ކައިވެންޏަށް އަހަރެއްވެ، ދެ ލޯބިވެރިންގެ ވާހަކަތަކަށް އަދިވެސް ފަނޑުކަމެއް އައިސްފައި ނުވާއިރު ކުށްލިއަކަށް ލިބިގެން މިދިޔަ ޚަބަރަކީ، ކައިވެންޏަކަށް ތައްޔާރުވުމަށް އިންޑިއާގައި އޮންނަ ސަގާފަތުގެ މައްޗަށް ބިނާކޮށް ޕްރިޔަންކާއާއި ނިކް ގެނެސްދޭ ޓީވީ ސީރީޒްއެއްގެ ޚަބަރެވެ.

އަދި ވަކި ނަމެއް ދީފައި ނުވާ މިސީރީޒްގެ ފެހި ސިގުނަލް އެމެޒޯންއިން ދީފައިވާއިރު، މިހާރު ކުރިއަށް ދަނީ ޝޯގެ ކާސްޓުން ހޮވުމުގެ މަސައްކަތް ކަމަށް މައުލޫމާތު ލިބެއެވެ. ސީރީޒް ޝޫޓް ކުރުމުގެ މަސައްކަތް ރާވާފައި އޮތީ 2020 ވަނަ އަހަރަށެވެ.

ޕްރިޔަންކާ ބުނި ގޮތުގައި މިފަދަ ސީރީޒްއެއް ހަދަން ހިޔާލުއައީ އެ ދެމަފިރިންގެ ކައިވެންޏަށް ތައްޔާރުވުމަށް ދެ ފަރާތުގެ އައިލާއިން ކުރަމުންދިޔަ މަސައްކަތްތައް ފެނިގެންދާ ވީޑިއޯތައް ބެލުމުގެ ތެރެއިން ކަމަށެވެ.

އެމެޒޯން ސްޓޫޑިއޯޒްއިން ޕްރޮޑިއުސްކުރާ މި ޓީވީ ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންނަކީ ނިކްއާއި ޕްރިޔަންކާއެވެ.