ސައުތް އޭޝިއަން ގޭމްސް (އެސްއޭޖީ) އިން ދިރާގުގެ ބްރޭންޑް އެމްބެސެޑަރު ހަސަން ސާއިދު ހޯދި ކާމިޔާބީ އެ ކުންފުނިން ފާހަގަކޮށްފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަސަރަތު ސްޓޭޑިއަމުގައި ކުރިއަށް ދިޔަ 100 މީޓަރު ދުވުމުން ސާއިދު އެއްވަނަ ހޯދީ 10.49 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ 35 އަހަރު އަހަރުވީ ތާރީހުގައި ރާއްޖެއަށް ރަން މެޑަލެއް ހޯދައިދިން ފުރަތަމަ ފަހަރެވެ.

ސާއިދުގެ މި ކާމިޔާބީ ފާހަގަ ކުރުމަށް ދިރާގުން ސާއިދަށް މަރުހަބާ ކިޔާފައިވަނީ އޮރެންޖު ކާޕެޓުގައެވެ. މި ރަސްމިއްޔާތުގައި ދިރާގުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެފައިވާއިރު، ރަސްމިއްޔާތު ބޭއްވީ ދިރާގު ހެޑް އޮފީހުގައެވެ. މި ރަސްމިއްޔާތުގެ ތެރެއިން ދިރާގުން ވަނީ ސާއިދަށް 100،000 ރުފިޔާގެ ފައިސާގެ އިނާމަކާއި އެކު، ދިރާގުގެ ސުޕަ ފާސްޓް 5ޖީ ނެޓްވޯކް ތަޖުރިބާކޮށްލުމަށް 5ޖީ މޯބައިލް ހޭންޑްސެޓެއް ހަދިޔާ ކޮށްފައެވެ. ދިރާގަކީ ރާއްޖެއަށް އަދި ސައުތް އޭޝިއާއަށް 5ޖީ ނެޓްވޯކް ތައާރަފުކުރި ފުރަތަމަ ކުންފުންޏެވެ.

އޮރެންޖު ކާޕެޓާއި އެކު އެސްއޭޖީން ސާއިދު ހޯދި ކާމިޔާބީ ދިރާގުން ފާހަގަކޮށްފި / ފޮޓޯ: ދިރާގު

ސާއިދު ހޯދި ކާމިޔާބީ ފާހަގަ ކުރައްވަމުން ދިރާގުގެ ސީނިއާ މެނޭޖާ ބްރޭންޑް އަދި މާކެޓިން ކޮމިއުނިކޭޝަން، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ވޭތުވެދިޔަ 4 އަހަރު ދިރާގުގެ ބްރޭންޑް އެމްބެސެޑަރުކަމުގައި ސާއިދު ހުރުމަކީ ލިބޭ އުފަލެއް ކމަަށެވެ. އަދި ސާއިދު ވަނީ އެސްއޭޖީން މުޅި ގައުމު ފަހުރުވެރިކޮށްލާފައި ކަމަށް ވިދާޅުވެ، އޭނާ ވަނީ ސާއިދަށް ތައުރީފު ކުރައްވާފައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 2015 ވަނަ އަހަރު ރަން މެޑަލް ހޯދައި ބައިނަލްއަގްވާމީ މަލްޓި ގޭމްސްއަކުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ އެތުލީޓުގެ ޝަރަފް ހޯދީ ސާއިދެވެ. މިއަހަރުގެ ގޭމްސްގައި އޭނާ ހޯދި ރަން މެޑެއްޔާ އެކު ރާއްޖޭގެ ކުޅިވަރުގެ ތާރީހުން އެންމެ ކާމިޔާބު އެތުލީޓުގެ ޖާގަ އޭނާ ވަނީ ހޯދާފައެވެ. މި ރަން މެޑަލުގެ ކުރިން ސައުތު އޭޝިއަން ގޭމްސް އިން މިހާތަނަށް ރާއްޖޭން ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ތިން ރިހި މެޑަލް ހޯދުމެވެ. އެއީ 1991 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުން ހޯދި ރިހި މެޑައްޔާއި 2016 ވަނަ އަހަރުގެ ގޭމްސްގައި ސާއިދު 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ހޯދި ރިހި މެޑަލެވެ.