މާފަންނު ގެއެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާ އެކު 2 މީހަކު ހައްޔަރު ކޮށްފިއެވެ.

މާލޭގައި ފުޅާދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. އަދި މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރު ކޮށްފައި ވާއިރު، އެއީ 44 އަހަރުގެ ދިވެހި ފިރިހެނަކާއި، 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށް، މާފަންނު ގެއެއް ބަލާ ފާސްކޮސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެގެ ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި 33 ދަޅާއި، 22 ފުޅި ބަނގުރާ އަދި 8 ކޭސް ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލުމާތުދެއެވެ.

މީގެ އިތުރުން މި އޮޕަރޭޝަނުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިހާރަކަށް އައިސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަކީ އާންމު ކަމަކަށް ވެފައިވާއިރު، އާންމުތަންތަނުގައި މަސްތުގެ ހާލަތުގައި ތިބޭ ޒުވާނުން ފެންނަ މިންވަރުވެސް މިވަނީ އިތުރުވެގެން ގޮސްފައެވެ.