މެޖޯރިޓީ ކޯލިޝަނެއް އެކުލަވާލުމަށް އިސްރާއީލުގެ އިސް ސަފުގައި ތިއްބެވި ކެންޑިޑޭޓުން ފެއިލްވުމާއެކު އަހަރު ދުވަހުގެ ތެރޭގައި 3 ވަނަ ފަހަރަށް އާންމު އިންތިހާބެއް ބޭއްވުމަށް އިސްރާއީލަށް މަޖުބޫރުވެއްޖެއެވެ.

ލިބެމުންދާ ޚަބަރުތަކަށް ބަލާއިރު އިސްރާއީލުގައި ދެން އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާނީ ކުރިއަށް އޮތް 2020 ވަނަ އަހަރުގެ މާޗް މަހުގެ 2 ވަނަ ދުވަހުއެވެ.

ކަންމިހެން އޮތްއިރު އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީސް އުވާލުމަށްވެސް މިހާރު ވަނީ ރުހުން ދީފައެވެ.

މިއަހަރު ތެރޭގައި އިސްރާއީލުން 2 ވަނަ ފަހަރަށް އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ ފަހަރުގެ އިންތިހާބުގައި އެއްވެސް ފަރާތަކަށް އަގުލަބިއްޔަތު ކަށަވަރު ނުވިއިރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އާއި އޭނާގެ ސިޔާސީ ވާދަވެރިޔާ ކަމަށްވާ ބްލޫ އެންޑް ވައިޓް ޕާޓީގެ ބެންޖަމީން (ބެނީ) ގަންޓްޒް ވެސް ވަނީ ސަރުކާރު އެކުލަވާލުމަށް ފެއިލްވެފައެވެ. ނުވިތަނަކަށް ބާރުހިއްސާކުރާ ސަރުކާރެއް އެކުލަވާލުމަށްވެސް ބެނީއާއި ނަތަންޔާހޫއަށް އެއްގަލަކަށް އެރޭ ގޮތެއް ނުވިއެވެ.

މި ދަނޑިވަޅަކީ ނަތަންޔާހޫއާއި ދެކޮޅަށް ކޯޓުގައި ދައުވާތަކެއް ކުރިއަށްދާ ދަނޑިވަޅަކަށް ވާއިރު، ނަތަންޔާހޫ ދަނީ މިހުރިހާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. އަދި މި ދައުވާޓަކަކީ ބަގާވާތެއް ގެނައުމަށް ކޮށްފައިވާ ދައުވާތަކެއް ކަމަށްވެސް ނަތަންޔާހޫ ދަނީ ބުނަމުންނެވެ.