އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުން އިންޑިއާއަށް ހިޖުރަކޮށްފައިވާ ޣައިރު މުސްލިމުންނަށް، އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވާ ގޮތަށް އެގައުމުގެ ރަށްވެހިކަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް (ސިޓިޒަންޝިޕް އެމެންޑްމަންޓް ބިލް – ކެބް)އަށް ރުހުންދީ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިން އެ ބިލު ފާސްކޮށްފިއެވެ.

ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިން މި ބިލު ފާސްކޮށްފައި ވަނީ 125 މެމްބަރުންގެ ތާއީދާއެކުގައެވެ. މި ބިލާ ދެކޮޅަށް ވޯޓު ދީފައިވަނީ 105 މެމްބަރެކެވެ.

މި ބިލާ ގުޅިގެން ބައިނަލްއަގުވާމީ މަސްރަހުގެ އިތުރުން އިންޑިއާ ތެރޭގައިވެސް ދާހިލީ ފެންވަރުގައި ހަމަނުޖެހުންތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން އިރު އިތުރުން ބަންގްލަދޭޝްއާއި ގުޅޭ ބޯޑަރު ސަރަހައްދުގައިވެސް މުޒާހަރާތަކެއް ކުރިއަށް ދާކަމަށް މައުލޫމާތު ލިބެއެވެ.

މި ބިލަކީ ތަފާތުކުރުންތައް އިންތިހާއަށް އޮތް ބިލެއް ކަމަށް ޚަބަރު ލިބެއެވެ.

މިކަން ދިފާއު ކުރަމުން އިންޑިއާގެ ވެރިކަން ކުރާ ހިންދޫ ފިކުރުގެ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އިން ބުނީ މިއީ ދީނީ ސަބަބުތަކަށްޓަކައި އަމިއްލަ ވަޒަން ދޫކުރާ މީހުންނަށް ހިމާޔަތް ދެނެވި ބިލެއް ކަމަށެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ ކީކޭ؟

ކެބްއާއި ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކާ، މި ބިލާއި ދެކޮޅަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ މުސްލިމުން ހަވާސާކޮށް ބިކަ ކޮށްލުމަށް ބީޖޭޕީއިން ގެންގުޅޭ ވަރުގަދަ އެޖެންޑާގެ ބައެއް ކަމަށެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެންނަ ބިލާ ދެކޮޅަށް، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އާންމުންގެ ބަޔަކު މުޒާހަރާ ކުރަނީ/ފޮޓޯ: ނާސިރު ކަޗްރޫ

މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި އިންޑިއާގައި މިހާރުވެސް މުސްލިމުންނާ މެދު ކަންކުރަމުންދަނީ އިންތިހާއަށް އިހާނެތިކޮށް ކަމަށްވާއިރު، މި ބިލުގެ ސަބަބުން މުސްލިމުން އިތުރު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމަށެވެ.

ކަންމިހެން އޮތްއިރު އިންޑިއާގެ ގާނޫނީ ދާއިރާގެ ތަޖުރިބާކާރުންނާ، ވަކީލުންނާ، އިލްމުވެރިންގެ އިތުރުން އެކްޓަރުންވެސް ހިމެނޭ ގޮތަށް 700 އަށްވުރެ ގިނަ ޝަހްސުން ވަނީ މި ބިލު ސީދާ އިބާރާތުން ކުށްވެރި ކުރާކަން ހާމަކޮށް، ބަޔާނެއްގައި ސޮއިކޮށްފައެވެ. އެގޮތުން މިއީ އިންޑިއާގެ މުޖުތަމައުގައި ބޮޑު ހައިޖާނުގަނޑެއް އުފެއްދުމުގެ ގަސްތުގައި އިންޑިއާގެ ސަރުކާރުން ނިންމި ނިންމުމެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ގިނަ ބަޔަކު ސުވާލު އުފައްދަމުން އަނެއް ކަމަކީ އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ ތެރެއިން ޕާކިސްތާނާ ބަންގްލަދޭޝް އަދި އަފްގާނިސްތާނުގެ ޣައިރު މުސްލިމުންނަށް އެކަނި ކެބް ހާއްސަ ކުރާކެމެވެ. ސަރަހައްދީ އެހެން ގައުމުތަކުގައިވެސް އާބާދީގެ ނިސްބަތުން ބައިމަދު މީހުންނާ ދެކޮޅަށް ދީނީ އެކި ސަބަބުތަކާއި ހެދި ބޭއިންސާފުން އަމަލު ކުރަމުންދާއިރު އެ ގައުމުތައް މި ލިސްޓުގައި ނެތީ ކީއްވެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ވާދަކުރައްވާ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ/ފޮޓޯ: އޭއެފްޕީ

އެގޮތުން ކުރީގެ މަޝްހޫރު ތަމަޅަ ފިލްމީ ތަރި އަދި މިހާރު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ކަމާލް ހަސަން ވަނީ، ސްރީލަންކާގެ ބައިމަދު އާބާދީތަކުން އިންޑިއާއަށް ހިޖުރަ ކުރި މީހުންނަށް ކެބްއިން ފުރުސަތު ނުލިބުނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

ކެބްއާއި ގުޅިގެން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްތަކުގައިވެސް ވާހަކަ ހުރީ މިފަދަ ގޮތަކަށެވެ. ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ (މުސްލިމް) މެމްބަރު އަސަދުއްދީން އުވައިސީ ވިދާޅުވި ގޮތުގައި މިއީ ހިޓްލަރުގެ ގާނޫނުތަކަށްވުރެ ނުބައި ގާނޫނެއް ކަމަށާ، މިއީ މުސްލިމުން ވަޒަންވެރިކަމުން މަހްރޫމު ކުރުމަށް ކުޅޭ ނުބައި ކުޅިގަނޑެއް ކަމަށެވެ.

އިންޑިއާގެ މައި އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީގެ އިސް ލީޑަރު ރާޙުލް ގާންދީ ވިދާޅުވީ، ކެބްއަށް ތާއީދުކުރާ ފަރާތްތަކުން އެދަނީ އިންޑިއާގެ ބިންގާ ފުނޑުފުނޑު ކުރަމުން ކަމަށެވެ.

އިންޑިއާގެ ސިޔާސީ މައިދާނަށް މަޝްހޫރު އަކިލޭޝް ޔާދޭވް ސިފަކުރި ގޮތުގައި މިއީ ސަރުކާރު ފެއިލްވަމުންދާ ދިއުމަށް މީހުން ދެމުންދާ ސަމާލުކަން އެހެން މިސްރާބަކަށް ބަދަލުކޮށްލުމަށް ބީޖޭޕީއިން ކުޅޭ ކުޅިގަނޑެއް ކަމަށެވެ.

ބީޖޭޕީގެ ރައީސް އަމީތު ޝާހް (ކ)ގެ އުފަން ދުވަސް ފާހަގަކުރެއްވުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ފޮނިކާއެއްޗެއް ދެއްވަނީ/ފޮޓޯ: ޑީއެންއޭ އިންޑިއާ

ބީޖޭޕީގެ ރައްދު

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އެ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ބީޖޭޕޯގެ ލީޑަރުންގެ ވާހަކަތައް މިއާ މުޅިން ހިލާފެވެ.

ބީޖޭޕީގެ ކުރީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އަމީތު ޝާހް ވިދާޅުވާ ގޮތުގައި ކެބްއަކީ މުސްލިމުންނާ ދެކޮޅަށް އެކުލަވާލި ބިލެއް ނޫނެވެ. ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝާހް ވިދާޅުވީ މިއީ އިންޑިއާގެ މުސްލިމުން ކަންބޮޑުވެގެން އުޅެންވީ ވަރުގެ ކަމެއް ނޫން ކަމަށެވެ. މިމޭރުމުން ވާހަކަދައްކަވަމުން ޝާހް ވަނީ މުސްލިމުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޕާކިސްތާން، ބަންގްލަދޭޝް އަދި އަފްގާނިސްތާނުގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި މުސްލިމުންނަށް އިންޑިއާއިން ރަށްވެހިކަން ދޭންވީތޯއާއި، ގައުމަކީ މިމޭރުމުން ހިންގޭނެ ގައުމެއް ނޫންކަމަށް ވިދާޅުވެ ޝާހް ވަނީ ހިންދޫ ސަރުކާރުގެ ދިފާއަށް ކުޅުއްވާފައެވެ.

ބައިނަލްއަގުވާމީ ފާޑުކިއުންތައް

އިންޑިއާ ސަރުކާރުގެ ކެބްއަށް ފާޅުގައި އެންމެ ފުރަތަމަ ފާޑުވިދާޅުވި ބޭފުޅުންގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ހިމެނިވަޑައިގަންނަވައެވެ.

2 ވަނަ ބީއާރްއައި ސަމިޓްގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ތަގުރީރުކުރައްވަނީ/ފޮޓޯ: ރޮއިޓާޒް

އިންޑިއާގެ ސިޓިޒަންޝިޕް ބިލް ފާސްކުރުމަށް އެގައުމުން ނިންމި ނިންމުން ކުށްވެރި ކުރައްވާ، އެކަމަށް ފާޑުވިދާޅުވަމުން އިމްރާޏް ވިދާޅުވީ، މިއީ ހުރިހާ މޭރުމަކުން ޕާކިސްތާނާއެކު ވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ.

މިކަން ބަޔާން ކުރައްވާ، ކުރެއްވި ޓްވީޓްއެއްގައި އިމްރާން ވިދާޅުވީ އިންޑިއާގެ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށާ، މިއީ ޕާކިސްތާނާއެކު އިންޑިއާއިން ވެފައިވާ ދޭދޭ ގައުމުތަކުގެ އެއްބަސްވުންތަކާވެސް ހިލާފު ނިންމުމެއް ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ ލޮކް ސަބާ ނުވަތަ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މި ނިންމެވުމަކީ، މޯދީގެ ފޭސިސްޓް ސަރުކާރުގެ ހިންދޫ ޕްރޮޕަގަންޑާ ފެތުރުމަށް ހިންގާ މަޝްރޫއެއް ކަމަށެވެ.

ކަންމިހެން އޮތްއިރު އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުންވެސް ދަނީ ކެބްއަށް ފާޑުކިއަމުންނެވެ.

ކެބްއަކީ ކޮބާ؟

ކެބް ނުބަތަ ސިޓިޒަންޝިޕް އެމެންޑްމަންޓް ބިލަކީ އިންޑިއާގައި ރެފިއުޖީންގެ ގޮތުގަޔާއި އެނޫންވެސް ޣައިރު ގާނޫނީ ގޮތް ގޮތަށް ދިރިއުޅެމުންދާ ޣައިރު މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހި ކޮށްދޭ ބިލެކެވެ.

މި ބިލްގެ ދަށުން، އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު، ބަންގްލަދޭޝް އާއި އަފްގާނިސްތާނުގެ އިތުރުން ޕާކިސްތާނު ދަރިކޮޅަށް ނިސްބަތްވާ ހިންދޫންނާއި ޖެއިން އަދި ބުދިސްޓުންނާ ސިކުން އަދި ފާރިސީންނާ ކުރިސްޓިއަނުންވެސް ލިބިގެންދާނެއެވެ.