މިދިޔަ ހަފުތާގެ ތެރޭގައި ބާޒާރުގައި 45 ރުފިޔާއަށް ވިއްކަމުން ދިޔަ ފިޔާ ކިލޯއެއްގެ އަގު 70 ރުފިޔާއަށް ވުރެ މައްޗަށް އަރައިފިއެވެ.
ކުރިން 10 ރުފިޔާއާއި 12 ރުފިޔާއަށް ހުރި ފިޔާ ކިލޯއެއްގެ އަގު މިދިޔަ ހަފުތާގައި 45 ރުފިޔާއަށް އުފުލުނުއިރު ފިޔާ ބަސްތާއެއްގެ އަގު އޭރު އުޅުނީ 750 ރުފިޔާ އާއި 900 ރުފިޔާއާ ދެމެދުގައެވެ.
ފިޔާގެ އަގު އުފުލިފައި މިވަނީ އިންޑިއާގައި ވެސް ފިޔާގެ އަގު އުފުލިފައި ވާތީއެވެ. އެގައުމަކީ ރާއްޖެއަށް ފިޔާ އެތެރެކުރާ އެއް ގައުމެވެ. އިންޑިއާގައި ފިޔާގެ އަގު އުފުލިފައި ވަނީ އެގައުމަށް ކުރި ވިއްސާރައާ ގުޅިގެން ފިޔާ ދަނޑުތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާތީއެވެ.
މިހާރު ފިޔާ ކިލޯއެއްގެ އަގު 70 ރުފިޔާއަށްވުރެ މަތީގައި އުޅޭއިރު ބަސްތާއެއްގެ އަގު އުޅެނީ 1000 ރުފިޔާ އާއި 1500 ރުފިޔާއާ ދެމެދުގައެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ވަނީ ފިޔާގެ ދަތިކަން ކުރިމަތިއެވެ. އެފަހަރު ފިޔާ ބަސްތާއެއްގެ އަގު 1200 އަށް ވެސް އެރިއެވެ. އެހެންނަމަވެސް ފަހުން އިންޑިއާއިން ފިޔާ ލިބެން ފެށުމާއި ގުޅިގެން އަލުން ފިޔާގެ އަގު ހެޔޮވެ ކުރީގެ އަގަށް ބަދަލުވެގެން ދިޔައެވެ.