ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ވަފުދެއް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި ބައިވެރިވެވަޑައި ނުގެންނެވީ ކުރީގެ ރައީސް އަބްދުއްﷲ ޔާމީން މިނިވަން ކުރައްވަން މަސައްކަތް ކުރައްވާތީ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީޕް ވިދާޅުވީ އެ ދަތުރަށް ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ދައުވަތު ދެއްވި ކަމަށާއި ނަމަވެސް އިދިކޮޅު ޕާޓީތަކުން އެ ދަތުރުގައި ބައިވެރި ނުވީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށް މަސައްކަތްތަކެއް ކުރެވެމުން ދާތީ ކަމަށެވެ.

އެ ދަތުރުގައި ރައްޔިތުން މަޖިލީހުގެ އަމީންއާމާއި މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ އިތުރުން، ޖޭޕީގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަދި މަޖިލީހުގެ ރައީސް، ރައީސް ނަޝީދާ އެކު، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ 8 މެންބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާ އެ ދަތުރުގައި މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނޭ ގޮތުން 10 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ނަމަވެސް އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އަދި ޕީއެންސީގެ އެއްވެސް މެމްބަރެއް އެ ދަތުރުގައި ބައިވެރިވަޑައި ނުގަންނަވައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާގައި ހުކުމް ތަންފީޒު ކުރަމުން ދާއިރު، އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއިން އެކަން ގަބޫލު ނުކުރެއެވެ. މިކަމާ ގުޅިގެން ކޮންމެ ރެއަކުހެން މާލޭގެ މަގުތަކުގައި ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން ދަނީ ރައީސް ޔާމީނު ދޫކޮށްލުމަށް އެދި ގޮވާލައި އިހުތިޖާޖު ކުރަމުންނެވެ. އަދި ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންވަނީ ރައީސް ޔާމީނުގެ ފޮޓޯޖަހާފައި ހުރު، ބޯޑުތައް ހިފައިގެން މަޖލީހުގެ ތަޅުމުގައިވެސް ރައީސް ޔާމީނު ދޫކޮށްލުމަށް އެދި އަޑުއުފުއްލަވާފައެވެ. މީގެ އިރުރުން މިދިޔަ އާދިއްތަ ދުވަހު އިދިކޮޅު ޕީއެންސީގެ އިސް ބައެއް ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ރައީސް އޮފީހަށް ވަޑައިގެންފައި ވެއެވެ.