މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަ ކުރަމުންދާ ދުވަހަކީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. ކުރިއާ އަޅާ ބަލާއިރު މަސްވެރިކަމުގެ ދާއިރާއަށް ވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މަސްބޭނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުން ކުރަން ފަށާފައެވެ. ނަމަވެސް މަސްވެރިންނާއި އެއްވަރަށް މަސް ކިރާ، މަސް ގަންނަ ކުންފުނިތައް ވެސް ކުރިއަރަމުން އެބަދޭ ހެއްޔެވެ؟

މަސްވެރިކަމުގެ ދުވަހާ ގުޅިގެން ބައެއް މަސްވެރިންނާއި ވާހަކަ ދައްކާލުމުން ލިބޭ ޖަވާބު މުޅިންހެން ތަފާތެވެ. މަސްވެރިކަމުގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމެއް ނެތް ވާހަކައެވެ. މަސްވެރިންނަކީ ތިބޭ ބައެއްކަން ގައުމުގެ އިސްވެރިން ނުދަންނަ ވާހަކައެވެ. މަސްވެރިކަމަށާއި މަސްވެރިންނަށް އިހުމާލުވެފައިވާ ވާހަކައެވެ. މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ގިނައެވެ.

މަސްވެރިންގެ ހިތުގެ އުދާސްތައް ހިއްސާ ކުރަމުން އެމީހުން ބުނީ، ހާއްސަކޮށް ދެކުނު އަތޮޅުތަކުގައި މަސް ކިރައިގެން ފައިސާ ނުލިބޭ ވާހަކައެވެ. ވަގުތުން ވަގުތަށް ލިބެން ޖެހޭ ފައިސާ ހަފްތާ، ދެ ހަފްތާވާ އިރުވެސް ނުލިބި ދިގުލައިގެންދާ ވާހަކައެވެ.

މަސްވެރިން މަސް ބޭނުމުގައި / ފޮޓޯ: ޒުވާން މަސްވެރިޔާ

ގިނަ މަސްވެރިންނަކީ އެމީހުންގެ މުޅި ދިރިއުޅުން މަސްވެރިކަމުގެ މައްޗަށް ބަރޯސާ ވެގެން ތިބޭ ބައެކެވެ. ގިނައީ އާމްދަނީ ހޯދުމަށް ހަމައެކަނި މަސްވެރިކަން ކުރާ މީހުންނެވެ. ކޮންމެ ހަފްތާއަކު ލިބޭ ލާރިއަކީ، އެ ހަފްތާއެއްގައި ގޭގެ ހަރަދާއި މަސް ދޯންޏަށް ކުރަންޖެހޭ ހަރަދުތަކާއި ކެއިން ބުއިމަށް ހަރަދު ކުރާ ފައިސާއެވެ. އެންމެ ހަފްތާއަކު ވެސް އެ ފައިސާ ނުލިބިއްޖެނަމަ ވާ ދަތިތައް އިންތިހާއެވެ.

ބާނާ މަހަށް ފައިސާ ނުލިބޭ ވާހަކައާ ގުޅިގެން މިފްކޯ އިން ބުނީ، މަސް ގަންނަ އަގަށް މަސް ނުވިކޭތީ، ލާރި ދިނުމުގައި ދަތިތަކެއް ހުރި ކަމަށެވެ. ނަމަވެސް އެންމެ ލަސްވެގެން ހަފްތާއެއް ތެރޭ މަސްވެރިންނާ ފައިސާ ހަވާލުކުރާ ކަމަށެވެ. އަދި މިކަން މިހެން ދިމާވަނީ މަހުގެ އަގަކީ މާރުކޭޓުގައި ހިފެހެއްޓިގެން ހިނގާ އެއްޗަކަށް ނުވުމުން ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. މިފްކޯއިން ބުނީ، އަންނަ ޖެނުއަރީމަހު، މި މައްސަލައަށް ވެސް ހައްލު ހޯދޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމެއް ނެތް ކަންނޭގެ އަދިއެއް
މަސްވެރިއެއް

މަސްވެރިކަމުގައި އުޅޭތާ 22 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މަސްވެރިޔަކު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، މަސްވެރިކަމުގެ ދުވަހޭ ކިޔާފައި ކޮންމެ އަހަރަކުވެސް ޑިސެމްބަރު މަހު 10 ވަނަ ދުވަސް ފާހަގަ ކުރާ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް އިރެއްގަ، އެއްވެސް ޒަމާނެއްގައި މިކަމުން މަސްވެރިންނަށް ފައިދާއެއް ލިބޭތީ ފާހަގަ ކުރާ ދުވަހެއް ނޫން ކަމަށެވެ. މިދުވަހު ކޮންމެ މީހަކުވެސް އަދި ކޮންމެ ރައީސެއް ވެސް މަސްވެރިންގެ ވާހަކައާ، ކަންކަން ހައްލު ކުރުމުގެ ވާހަކަ ދައްކާ ކަމަށާއި އެއީ ހަމަ ހުސް ވާހަކަ ކަމަށް އޭނާ ބުންޏެވެ.

މަސްވެރިކަމުގައި ހުރި ދަތިތަކާއި މަސްވެރިންގެ ޝަކުވާތަކަށް ހައްލު ލިބޭތޯ މި ސަރުކަރު ގެނައީ. ނަމަވެސް އަދި އަލިމަގެއް ނުފެނޭ. އަދި މި ސަރުކާރަށް ވީ އެންމެ އަހަރެއް، އުއްމީދު ކުރަން ކުރިއަށް އޮތް އަހަރުތަކުގައި އަލި މަގެއް ފެންނާނެ ކަމަށް. ކޮންމެ ކަމެއް ވެސް ރަނގަޅު ކުރުމަށް ވަގުތު ނަގާނެތާ.
މަސްވެރިއެއް

ފައިސާ ލިބުން ދިގުލަިއގެން ދިއުމުގެ އިތުރުން ވެސް މަސްވެރިންގެ ޝަކުވާތައް އެބަ ހުއްޓެވެ. ސަރުކާރުން މަސްވެރިންނަކީ ތިބޭ ބައެއްކަން ނުދަންނަ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. މަސްވެރިން ބަލައި ނުގަންނަ ވާހަކައެވެ. ގައުމުގެ އިގްތިސޯދީ ކުރިއެރުމަށް ވެހޭ ވާރެއާ، އަރާ އަވީގައި އެމީހުން ކުރާ މަސައްކަތް ނުފެންނަ ވާހަކައެވެ. ފިޝަރީސް މިނިސްޓްރީގެ ނަމުގައި މިނިސްޓްރީއެއް އޮތުމުގެ ބޭނުން ނުފެންނަ ވާހަކައެވެ. މި މޭރުމުން ވާހަކަ ދައްކާ މަސްވެރިން ތިއްބަސް، މި ދައްކަނީކީ މި ސަރުކާރާއި މެދު ފޮނި އުއްމީދުތައް ކުރާ މަސްވެރިން ނުތިބޭ ވާހަކައެއް ނޫނެވެ. މިހާތަނަށް މަސްވެރިކަމުގެ ދާއިރާއަށް ކޮށްދިނުމަށް ވައުދުވެ، އެ ވައުދު ފުއްދުމަށް ފަށާފައިވާ މަސައްކަތްތައް ބަލައިގަންނަ މަސްވެރިން ވެސް އެބަ ތިއްބެވެ.

މަސްވެރިކަން ކުރާ ދޯންޏެއް / ފޮޓޯ: ޒުވާން މަސްވެރިޔާ

'ދަ ޕްރެސް' އަށް މައުލޫމާތުދިން ބައެއް މަސްވެރިން ބުނެފައިވާގޮތުގައި މަސްދޯނިފަހަރު ކުރިއަރައިގެން ދިޔައިރުވެސް، މަސް ގަންނަ ކުންފުނިތައް އޮތީ މީގެ އެތައް އަހަރެއް ކުރިން ވެސް އޮތް ގޮތަށް ކަމަށެވެ. އެގޮތުން ކޫއްޑޫ އަށް ވޭތުވެދިޔަ އަހަރުތަކުގައި ކުރިއެރުމެއް އައިސްފައި ނުވާ ކަން އެމީހުން ފާހަގަ ކުރިއެވެ. ނަމަވެސް މަސްވެރިން އަމިއްލައަށް ކުރި މަސައްކަތުން މިހާރު ކޫއްޑޫގެ މަސްކިރާ ބޯޓުފަހަރަށް ވުރެ ދެ ގުނަ ބޮޑެތި މަސްދޯނިތައް އުފައްދާފައިވާ ކަމަށާއި، މަސްކިރާ ބޯޓަށް ވުރެ މިހާރު މަސްދޯނިތައް ކުރިއަރާފައިވާ ކަމަށް ވެސް މަސްވެރިން ބުނެއެވެ.

މަސްވެރިކަމަކީ އަޅުގަނޑުމެން ދިވެހިންނާއި ވަރަށް ބޮޑަށް ގުޅިފައިވާ މަސައްކަތެކެވެ. މަސްވެރިންގެ ޝަކުވާތަކަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ އަޅުގަނޑުމެންގެ ތެރެއިން މިކަން އުވިގެން ހިނގާދާނެ ކަމުގެ ބިރު މިއަދު މިވަނީ ބޮޑުވެފައެވެ. ނޫންތޯއެވެ.