ފަލަވާތީ ނުވަތަ ބަރުވާތީ އެކަމަށް ހައްލެއް ހޯދުމަށް އެކުވެރިއަކާ މަޝްވަރާކޮށްލިއަސް އެންމެ ފުރަތަމަ ލިބޭ ޖަވާބަކީ 'ބަތްކެއުން ހުއްޓާލާ' – މިއެއް ނޫން ހެއްޔެވެ؟ ދެކުނު އޭޝިއާގެ ގައުމުތަކުގެ ކެއިންބުއިމުގެ އާދަކާދަ އެންމެ ޒަމާނުއްސުރެ ހަމަޖެހިފައި އޮންނަ ގޮތަށް ބަލާއިރު، ބަތަކީ އެއާ ނުލާ އުޅުމަށް ގިނަ މީހުންނަށް ދަތިވެފައިވާ އަސާސީ ބާވަތެކެވެ.

ހަގީގަތަށް ބަލާއިރު ބަތަކީ އޭގައި ސަރުބީގެ ބައި ނުވަތަސް ފެޓްސް އެކުލެވޭ މިންވަރު ދަށް، ފަސެހައިން ހަޖަމުވާ، އަދި ގިނަ އަދަދަކަށް ވިޓަމިންސް އެކުލެވޭ ބާވަތަކެވެ. ކަންމިހެން އޮތްއިރު، ބަރުދަން ލުއިކުރަން މަސައްކަތްކުރާއިރު ބަތް ކެއުން މުޅިން ހުއްޓާލާކަށް ނުޖެހޭނެތާއެވެ.

ބަތުގެ ބާވަތްތަކުގެ ތެރެއިންވެސް ހުދުބަތަކީ ބަރުދަން ލުއިކުރަން އުޅޭ މީހުން އާދަޔާ ހިލާފު ގަދަ ރުޅިއެއް އަންނަ ބާވަތެއްގެ ބަތެކެވެ. ކެލަރީޒްއާއި ސްޓާޗްއިން ފުރިފައިވާ ހުދުބަތާ ދުރުވުމަކީ އަދުގެ ހެލްތް 'ފްރީކްސް'ގެ އާދައެކެވެ. ކަންމިހެން އޮތް ނަމަވެސް މާލީ ސަބަބުތަކުން ފެށިގެން ގޮސް އެނޫންވެސް އެފަދަ އެތައް ސަބަބަކާ ހެދި ހުދު ބަތާ ދުރުނުވެވި ތިބި އެތައް ބަޔަކު ދިވެހި ބަދިގެ ތަކުގައިވެސް އެބައުޅެއެވެ.

އެންމެ ފަހުގެ ހޯދުންތަކަށް ބަލާއިރު، ބަރުދަން ލުއިކުރަންށޭ ބުނެ، ބަތްކެއުން މުޅިން ހުއްޓާލާކަށް ނުޖެހެއެވެ. ނަމަވެސް މިކަން ކުރާނެ ވަކި ގޮތްތަކަކަށް ސަމާލުވާންޖެހެއެވެ.

ޕޯޝަން ކޮންޓްރޯލް

ބަރުދަން ލުއިކުރުމުގެ ދަތުރެއްގައި އުޅޭނަމަ އެއް ބަތުގެ 1 ސާވިންގްގެ ބަތުން ފުއްދާލާށެވެ. މިއީ ގަވައިދުން ކަސްރަތުކޮށްގެން ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުންނަށް އެންމެ އެކަށީގެންވާ މިންވަރެކެވެ. ބަތަކީ ކާބޯހައިޑްރޭޓްސްގެ މުއްސަނދިކަން ލިބިފައިވާ އެއްޗެއްކަމުން، ބަތާއެކު އިތުރު ކާބްއެއް ބޭނުން ނުކުރަން ސަމާލުކަން ދޭންވާނެއެވެ.

1 ސާވިންގް ބަތާއެކު ވީހާވެސް ގިނައިން ތާޒާ ތަރުކާރީ ސްޓީމްކޮށްގެން ކެއުން ބުއްދިވެރި/ފޮޓޯ: ސްޕާކްރެސިޕީޒް

ބަތާއެކު ތަރުކާރީ

1 ސާވިންގް ބަތުން ބަނޑަށް މާ ބޮޑު އެނގުމެއް ނުވެއޭ ހީވެ، އަވަހަށް 'ހިތްހައިވުން' ފަދަ ކަމެއް މެދުވެރިވުމުންވެސް ސަލާމަތްވާނެ ގޮތެއް އެބައޮތެވެ. ބަތާއެކު ބޭނުންކުރާ ތަރުކާރީގެ މިންވަރު އިތުރު ކުރާށެވެ. ތަރުކާރީއަކީ ޕްރޮޓީންސްއާއި ފައިބަރުގެ މުއްސަނދިކަން ލިބިފައިވާ ބާވަތެކެވެ. މިއާއެކު ގިނަ ވަގުތުތަކެއް ވަންދެން ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސްކޮށްދޭނެއެވެ. ބަރުދަން ލުއިކުރުމުގެ މަސައްކަތުގެ އުޅެމުން ބަތާއެކު ބޭނުންކުރެވިދާނެ ބައެއް ކަހަލަ ތަރުކާރީގެ ތެރޭގައި ބީންސް، ކެޕްސިކަމް އަދި ބްރޮކޮލީ ބޭނުން ކުރެވިދާނެއެވެ. އަދި އިތުރަށް ދުޅަހެޔޮކޮށްލަން ބޭނުންނަމަ ކުކުޅުކޮޅެއްވެސް ބޭނުން ކުރެވިދާނެއެވެ.

ކައްކާ ގޮތްވެސް މުހިންމު

ބަތްކެއްކުމަކީ ވަރަށް ފަސޭހަކަމެކެވެ. ބޮޑު ފެންގަނޑެއްގައި ބަތް ކައްކަން ހަނދާން ކުރާށެވެ. ކޮންމެވެސް ވަރަކަށް މަޑުވެލުމުން އެ ފެންގަނޑު އުކާލާ، އާ ފެން އަޅައިގެން ބަތްތެލި ހިންދާށެވެ. މި ގޮތަށް ކަން ކުރުމުން ބަތުގައި އެކުލެވޭ ސްޓާޗްގެ ބައިވާނީ ވަރަށް ބޮޑަށް މަދުވެފައެވެ. މީގެ އިތުރުން ހުރިހާ ބާވަތެއްގެ ފްރައިޑް ރައިސްއާއިވެސް ދުރުވާން ޖެހެއެވެ. ފެން އަޅައިގެން ބަތް ހިންދާއިރުވެސް އެއްވެސް ކަހަލަ ކްރީމްއެއް ބޭނުން ނުކުރުން ބުއްދިވެރިއެވެ.

ބަތް ކައްކަނީ/ފޮޓޯ: ދަ ސްޕްލެންޑިޑް ޓޭބަލް

މިހުރިހާ ސަމާލުކަން ދޭއިރު، ގަވައިދުން ހެލިފެލިވެ ކަސްރަތުކޮށްގެން ނޫނީ އެކަށީގެންވާ ގޮތެއްގައި ދިގުމުއްދަތަކަށް އުފާލިބިނެވި ގޮތަކަށް ބަރުދަން ލުއި ނުކުރެވޭނެކަން ހަނދާން ކުރާށެވެ. ބަރުދަން ލުއިކުރާނެ ޖާދުލެއް ނޯވެއެވެ.