ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް، ހ.ހިޔާކަން، ހުސައިން ޝަމީމު މިއަދު އައްޔަން ކުރައްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ. ޕީޖީގެ މަގާމަށް، ޝަމީމު އައްޔަން ކުރައްވާފައި ވަނީ ގާނޫނުއަސާސީގެ 221 ވަނަ މާއްދާ އާއި، ޕީޖީގެ ގާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕީޖީގެ މަގާމަށް، އައްޔަންކުރެއްވި ޝަމީމުގެ މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްޑާ ޒާހިރެވެ.

ޝަމީމު ވަނީ އިނގިރޭސި ވިލާތުގެ ސަސެކްސް ޔުނިވާސިޓީން، ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ޝަމީމު ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯގެ ދާއިރާއިން ބެޗްލާ ޑިގްރީ ހާސިލުކުރައްވާފައެވެ.

ޕީޖީގެ މަގާމަށް ޝަމީމް އައްޔަން ކުރެއްވީ ކުރިން ޕީޖީގެ މަގާމުގައި ހުންނެވި އައިޗަތު ބިޝާމް މަގޟުން އިސްތިއުފާ ދެއްވުމުނެވެ.