ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް މިއަދު ތަސްދީގުކުރެއްވި ގާނޫނު އަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ މި މަހުގެ 3 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 74 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެވެ. އެބިލުގައި އިސްލާހު ގެނެސްފައިވަނީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ހ) (ށ) އަދި (ނ) މި މާއްދާތަކަށެވެ.

އެ ބިލުގައި ހިމެނިފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނޭ މެންބަރުން އިންތިހާބު ކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބު ކުރުމާގުޅޭ އުސޫލުތަކެވެ. މީގެ އިތުރުން ކައުންސިލްތަކުގެ ދައުރުވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މި ބިލު މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

ގާނޫނު އަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ހިމެނޭ އިސްލާހުތައް:

  1. ރަށު ކައުންސިލްގައި ހިމެނޭނީ، އެ ކައުންސިލް ނިސްބަތްވާ ރަށުގެ ރައްޔިތުން ދިމީގްރާތީ އުސޫލުތަކުގެ މަތީން، ސިއްރު ވޯޓަކުން އެ ކައުންސިލްއަށް އިންތިހާބުކުރާ މެންބަރުންނެވެ.
  2. ސިޓީ ކައުންސިލްގައި ހިމެނޭނީ، އެ ކައުންސިލް ނިސްބަތްވާ ސިޓީގެ ރައްޔިތުން ދިމީގްރާތީ އުސޫލުތަކުގެ މަތީން، ސިއްރު ވޯޓަކުން އެ ކައުންސިލްއަށް އިންތިޚާބުކުރާ މެންބަރުންނެވެ.
  3. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން، އެ ކައުންސިލްގައި ހިމެނޭނީ، އެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލްތަކަށް، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން އިންތިހާބުކުރާ ރައީސުންނެވެ.
  4. މި މާއްދާގެ (ށ) ގައި އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބުކުރާނީ، އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދިމީގްރާތީ އުސޫލުތަކުގެ މަތީން ނަގާ ސިއްރު ވޯޓަކުންނެވެ.
  5. މި މާއްދާގެ (ނ) ގައި އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބުކުރެވޭ ކައުންސިލްތަކުގެ އުމުރަކީ ފަސް އަހަރު ދުވަހެވެ.
  6. މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރަން ވާނީ، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައެވެ.
  7. މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ވާނީ، ލޯކަލް ކައުންސިލްތައް އެކުލެވޭ ގޮތްކަމަށް، އަދި އެ ކައުންސިލްތައް އިންތިހާބު ކުރަންޖެހޭ ގޮތްކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.