13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަލަށް ދާން ޖެހިއްޖިއްޔާ އަނެއްކާވެސް އެކަމައިގެން އުޅޭނީ ކަމަށް ވިދާޅުވެއްޖެއެވެ.
އާސްކް ސްޕީކާ ޕްރޮގްރާމްގައި މީހަކު ވަނީ ރައީސް ނަޝީދުގެ 13 އަހަރުގެ ޖަލުހުކުމާ ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ. އޭނާ އަހާފައިވަނީ ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވާނީ ކޮންއިރަކުންތޯ އާއި ފަނޑިޔާރަކު 'ވަގަށް ނެގި' ކަމުގެ ދައުވާގައި އަދަބު ލިބިވަޑައިގަންނަވަން ޖެހިވަޑައި ނުގަންނަވާތޯ އާއި މި ނޫން ވެރިކަމެއްގައި އަލުން މި ދައުވާ ކުރެވިދާނެ ނޫންތޯ އެވެ.
މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެއްކަމަށް ދެފަހަރަށް ދައުވާ ކުރެވިދާނެ ހެން ހީފުޅު ނުކުރެވޭ ކަމަށެވެ. އޭރު 13 އަހަރުގެ ހުކުމެއް ކޮށްފައި ވާކަމަށާއި ނަމަވެސް އޭގެ ފަހުން ސުޕްރީމް ކޯޓުން އެ ހުކުމް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި އެއީ ސައްހަ ނޫން ދައުވާއެއް ކަމަށާއި އެއީ ސައްހަ ނޫން ހުކުމެއް ކަމަށްވެސް ނިންމާފައި ވާ ކަމަށެވެ.
އެ ކުރެވުނު ދައުވާއާ ގުޅިގެން ބައިނަލްއަގްވާމީ ދޭދޭ ހުރިހާ ގައުމަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި އަދި އެހެންވެސް ޝަރީއަތާއި އިންސާފާ ގުޅޭ ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކާއި ރާއްޖޭގެ ވަކީލުންނާއި އަދި ރާއްޖޭގެ ސުޕްރީމް ކޯޓާ މި ހުރިހާ ތަނަކުން ހުކުމް އިއްވާފައި އޮތްކަމަށް ނަޝީދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ދެން އެހެން ދައުރެއްގައި އެމަނިކުފާނާ މެދު ކަންތައްވާނީ ކިހިނެއްތޯ އެއީ ޖަބާވުދެއްވަން އެނގިވަޑައިނުގަންނަވާ ކަމެއް ކަމަށެވެ. އަދި އެއްވެސް ހާލެއްގައި ޖަލަށް ވަޑައިގަންނަވަން ބޭނުންފުޅު ވެވަޑައި ނުގަންނަވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އަނެއްކާވެސް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފިއްޔާ އެކަމައިގެން ކުރިއަށް ވަޑައިގަންނަވާނީ ކަމަށެވެ. މީގެ އިތުރުން މާދަމާ ވާނެގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އާސްކް ސްޕީކާ މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް މަޖިލީހުގެ ރައީސް ޖަވާބު ދެއްވުމަށް ބާއްވާ ޕްރޮގްރާމެކެވެ. ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ސްޓޫޑިއޯގައި ބާއްވާ މި ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ވަނީ ގެނެސްދީފައެވެ. މިއީ މިގޮތަށް އާންމު ރައްޔިތުންނަށް ހުޅުވާލާއިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީސް ރައީސަކު ބޭއްވެވި ފުރަތަމަ ޕްރޮގްރާމެވެ.