ބަރުލަމާނީ ނިޒާމެއް އޮތިއްޔާ ރައީސް މުހައްމަދު ނަޝީދު ވެވަޑައިގަންނަވާނީ ބޮޑުވަޒީރަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށާއި، ރާއްޖެއަށް ބަރުލަމާނީ ނިޒާމު އައިސްފިނަމަ، އެމަނިކުފާނެ ވެވަޑައިގަންނަވާނީ ބޮޑުވަޒީރަށް ކަމަށެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ، ނަމަވެސް އެކަމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމަކަށް ނުވާނެ ކަމަށާއި، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީންވެސް އެގޮތަށް ނިންމަން ޖެހޭނެ ކަމަށެވެ.

މިރޭ ކުރިއަށް ދާ ޕްރޮގްރާމުގައި، އަންނަ 2023ގައި ރައީސޔުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ނުލައްވާނެ ކަމެއްވެސް ނުވަތަ ލައްވާނެ ކަމެއްވެސް ރައީސް ނަޝިދު ވިދާޅެއް ނުވެއެވެ. އަދި 2023ގެ އިނތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާނެ ކަމެއްވެސް އަދި ނުކުރައްވާނެ ކަމެއްވެސް ވިދާޅުނުވެ، ނަޝީދު ވިދާޅުވީ، "ޔަގީނުންވެސް ދެމީހުން އެއްބަސްވާ ކަމެއް" ކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދަކީ ތުއްޕުޅު އިރުއްސުރެ ބަރުލަމާނީ ވިސްނުން ގެންގުޅުއްވާ ބޭފުޅެކެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި އިރު، މިހާރު ނަޝީދު ނިންމަވާފައިވަނީ، ބަރުލަމާނީ ވިސްނުންތައް ހިއްސާ ކުރައްވާ ތަޖުރިބާ ބަދަލު ކުރުމަށް އިންޑިއާގެ ލޮކް ސަބާއާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ދެމެދު އެއްބަސް ވުމެއް ގާއިމު ކުރައްވާށެވެ.