2023ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ކުރިމަތިލައްވާނަމަ އެމަނިކުފާނަށް ތާއީދު ކުރައްވާނަންތޯ ނުވަތަ ނޫންތޯ ރައީސް ނަޝީދު ވިދާޅެއް ނުވިއެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމުގައި، އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ކުރިމަތި ލައްވާނަމަ، އެނަމިކުފާނަށް ރައީސް ނަޝީދު ތާއީދު ކުރައްވާނަންތޯ ޕްރެޒެންޓަރު އެހުމުން، އެ ސުވާލަށް ސީދާ ޖަވާބެއް ނަޝީދު ނުދެއްވިއެވެ. ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އުމުރުފުޅުވެސް އަދި ތަން ދޭ ކަމަށާއި، އެމަނިކުފާނަކީ އެއް އިރަކުވެސް ރިޔާސީ ނިޒާމަށް މާ ތާއީދު ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ، 2023 ގައި ކަންކުރައްވާނެ ގޮތެއް އަދި ނުނިމޭ ކަމަށާއި، ޔަގީންވާ އެއް ކަމަކީ، ރައީސް ސޯލިހާ ދެބޭފުޅުން އެއްބަސްވެވަޑައިގަންނަވާ ކަމެއް ކުރައްވާނެ ކަން ކަމަށެވެ.

"ޔަގީނުންވެސް ދެމީހުން އެއްބަސްވާ ކަމެއް ކުރާނަން"
ރައީސް ނަޝީދު

ރައީސް ނަޝީދު 2023ގައި ރައީސް ކަމަށް ކުރިމަތި ލައްވާނެ ވާހަކަ އަކީ މިހާރުވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. އެކަމަށް ބާރުދޭ އެތައް ވާހަކައެއް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ދައްކަވައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހިނގަމުންދާ ސްޕީޑާ މަސައްކަތްތައް މިސްރާބު ކުރެވެމުން ދާ ގޮތުން، 2023 ގައި ރައީސް ނަޝީދު ހުންނަވާނީ ބޮޑުވާޒީރު ކަމުގައި ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މިއަދު އޮތް މަޖިލީހުގެ ފަހު ޖަލްސާގައި ނަޝީދު ވަނީ، ބަރުލަމާނީ ސިފަތަށް ދެނެގަތުމަށް އިންޑިއާގެ ލޮކްސަބާއާއެކު މަޖިލީހުން އެއްބަސްވުމެއް ހައްދަވަން ނިންމަވާފައިވާކަންވެސް އިއުލާނު ކުރައްވާފައެވެ.