މި ސަރުކާރުން މާދަމާވެސް ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާލުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމް ކުރުމުގެ ކުރިންވެސް ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވާފައި އޮތްކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ފަނޑިޔާރުން ވެސް އެފަދައިން ވާހަކަ ދައްކަވާފައި ހުރިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ އޭރުވެސް، މިހާރުވެސް އަދި މާދަމާވެސް ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވާނެކަމުގެ ހެކިތައް ލިބިފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން އެންމެ ދުވަހެއްވެސް ޖަލުގައި ހޭދަ ކުރައްވަން ޖެހުމަކީ މި ސަރުކާރުގެ ނުފޫޒު އޭގައި އޮވެގެން ހޭދަކުރައްވަން ޖެހޭ ދުވަހެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން މަޖިލިސް ރިސެސްއަށް ދިޔަޔަސް ޕާލިމެންޓްރީ ގްރޫޕްގެ މަސައްކަތްތައް ނުހުއްޓޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވި ދުވަހުން ފެށިގެން އެ ހުކުމަކީ ނާއިންސާފުން ކުރި ހުކުމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެ ދުވަހުން ފެށިގެން ޕީޕީއެމްގެ ހުރިހާ ފަރާތްތަކެއް ރައީސް ޔާމީން މިނިވަން ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭގެތެރެއިން ރާއްޖޭން ބޭރުން ވެސް މީހުންނާ ގުޅިގެން މަސައްކަތް ކުރަމުން ދާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ޕާލިމަންޓްރީ ގްރޫޕުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި އެ ޕާޓީއަށް ނިސްބަތްވާ މެންބަރުން ކުރައްވަމުން ގެންދަވާ އިހުތިޖާޖަކީވެސް ރައީސް ޔަމީން މިނިވަން ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ރައީސް ޔާމީނަށް މަނީ ލޯންޑަރިން ކުރިކަން ސާބިތުވެ ހުކުމް ކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ. އެމަނިކުފާނުގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު 5 މިލިއަން ޑޮލަރު 6 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ދެއްކުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.

ރައީސް ޔާމީން ހައްޔަރު ކުރި ފަހުން ރައްޔިތުން މަޖިލީހުގައި ބާއްވާ ޖަލްސާތަކުގައި އިދިކޮޅުގެ މެންބަރުން ތެދުވެ އިހްތިޖާޖުކުރުމަކީ މިހާރު އާންމުކޮށް ފެންނަ މަންޒަރެކެވެ. ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ އިހުތިޖާޖު ކުރާ މެންބަރުންގެ ތެރޭގައި ޝިޔާމްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދާއި، މާވަށު ދާއިރާގެ މެންބަރު އިބްރާހިމް ސައީދު ހިމެނެއެވެ.