ގާތްގަނޑަކަށް 3 ހަފުތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް، އިސްރާއީލާ ދެކޮޅަށް ސީދާ ހަރަކާތަށް ނިކުމެއްޖެއެވެ.

އިސްރާއިލުން ވެރިވެގެންފައިވާ ގައްޒާއާއި އިސްރާއީލު ހިއްސާކުރާ ސަރަހައްދީ އިމުގައި ޖަހާފައިވާ ފެންސް ކައިރިއަށް ޖަމާވި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން އުދުވާނީ ހަމަލާތައް ދީފައިވާ ކަމަށް ގައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އެގޮތުން އިސްރާއީލުން ލައިވް ވަޒަން ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނަށް ދިން ހަމަލާތަކުގައި، ސީދާ ހަރަކާތަށް ނިކުތް މީހުންގެ ތެރެއިން 14 މީހަކު ޒަހަމްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދިޔަ ސިލްސިލާ މުޒާހަރާތައް 3 ހަފުތާއެއްހާ ދުވަހަށް މެދުކަނޑާލީ އިސްރާއީލުގެ އުދުވާންތައް ވަރުގަދަކޮށް، އެ ހަމަލާތަކުގައި ޝަހީދުވަމުންދިޔަ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު އިތުރުވަމުން ދިއުމުގެ ސަބަބުންނެވެ.

އިސްރާއީލާ ދެކޮޅަށް ފަލަސްތީނުން ސިލްސިލާ މުޒާހަރާތައް ފެށީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭގެ ފަހުން އިސްރާއީލުން ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ޝަހީދުވެ ގޮސްފައިވާއިރު، 30000 އަށްވުރެ ގިނަ މީހުންނަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ.

ފާއިތުވީ 10 ވަރަކަށް އަހަރަށް ބަލާއިރު، އިސްރާއީލުންވަނީ ފަލަސްތީނާ ދެކޮޅަށް 3 ފަހަރެއްގެ މަތިން ވަރުގަދަ އުދުވާނީ ސިލްސިލާ ހަމަލާތަކެއް ދީފައެވެ.